ޚަބަރު

ކޯވިޑް-19: ޝައްކުކުރެވޭ ކުރީގެ ކޭސްތައް ދިރާސާކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ގޮވާލައިފި


ޑިސެމްބަރު މަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހަކު ފަރަންސޭސިވިލާތުގައި ދެނެގަނެވިފައިވާކަމަށް އެޤައުމުން އެނގުމުން ދުނިޔޭގެ ޤައުމުތަކުން އެޤައުމެއްގައި ކޯވިޑް-19 އަށް ޝައްކުކުރެވޭ ކުރީގެ ކޭސްތައް ތަހުޤީޤުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗުއޯ އިން ގޮވާލައިފިއެވެ.

ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް އެންމެ ފުރަތަމަ ޙިއްޞާކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހެވެ. ވިލާތުގެ ޤައުމަކަށް އެބަލި ފުރަތަމަ ފަހަރަށް ފޯރާފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިކަމަށް ކުރިން ވަނީ ޤަބޫލުކުރެވިފައެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ހަސްފަތާލަކުން ނިއުމޯނިއާ ޖެހިފައިވާ މީހުންގެ ގައިން މީގެ ކުރިން ނަގާފައިވާ ސާންޕަލުތަކެއް ތަހުލީލުކުރުމުގެ ތެރޭގައި އެހަސްފަތާލުން ޚިދުމަތް ހޯދި މީހަކަށް ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހާ ގާތްކުރާ ތާރީޚެއްގައި ކޯވިޑް-19 ޖެހިފައިވާކަންވަނީ ހާމަވެފައެވެ. އެއީ އެޤައުމުގެ ސަރުކާރުން ފުރަތަމަ ފަހަރަށް ކޯވިޑް-19 ޖެހިފައިވާ މީހެއް ފެނިގެން އެކަން އިޢުލާނުކުރުމުގެ ގާތްގަނޑަކަށް އެއްމަސް ކުރިއެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި ކޯވިޑް-19 ފުރަތަމަ ފަހަރަށް ފެނި ފެތުރެންފެށީ ޗައިނާގެ ވުހާން ސިޓީގައެވެ. އެހެންކަމުން ފަރަންސޭސިވިލާތުގައި ޑިސެމްބަރު މަހު ކޯވިޑް-19 ޖެހިފައިވާ މީހާއަކީ ޗައިނާއަށް ބަލި ފާހަގަވުމުގެ ކުރިން ޗައިނާއިން ދަތުރުކުރި މީހަކާ ކޮންމެވެސް ގޮތަކުން ބައްދަލުވެފައިވާ މީހަކަށްވުން އެކަށީގެންވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ޤަބޫލުކުރެއެވެ. ނަމަވެސް ފަރަންސޭސިވިލާތުން ފެނުނުމީހާއަކީ މަސްވިއްކާ މީހެކެވެ. އޭނާއަކީ ފަހުގެ ތާރީޚެއްގައި ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ޗައިނާއާ އެއްވެސް ގުޅުމެއް އޮތްކަމަކަށްވެސް އިނގިފައެއްނުވެއެވެ. ފަރަންސޭސިވިލާތުގެ ކަމާބެހޭ މާހިރުންވަނީ އެކޭސް އިތުރަށް ތަހުޤީޤުކުރަންޖެހޭކަމަށް ބުނެފައެވެ.

ޑަބްލިއުއެޗުއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔާ ވިދާޅުވީ ފަރަންސޭސިވިލާތުން ފާހަގަކުރެވިފައިވާ ކޭހުގެ ސަބަބުން ކޯވިޑް-19 ފެތުރޭ ގޮތާމެދު އިތުރު މަޢުލޫމާތުތަކެއް ލިބިގެން ގޮސްފައިވާކަަމަށެވެ. އަދި އެކޭހަށްވުރެ ކުރީގެ ތާރީޚެއްގައި ބަލީގެ އަސަރުކޮށްފައިވާ މީހުންވެސް ކުރީގެ ސާންޕަލުތައް ތަހުލީލުކޮށްގެން ދެނެގަތުމުގެ ފުރުޞަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވަނީ 2019ވަނަ އަހަރުގެ ފަހުކޮޅު އެނގިފައިވާ ސަބަބަކާ ނުލާ ނިއުމޯނިއާ ޖެހިފައިވާ މީހުންގެ މައުލޫމާތު އިތުރަށް ބެލުމަށް ޤައުމުތަކަށް ގޮވާލައްވާފައެވެ. އެގޮތަށް ކަންތައް ކުރުމުން ދުނިޔޭގައި ކޯވިޑް-19 ފެތުރިގެން އައިގޮތް ބޮޑަށް ދެނެގަނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން މީގެ ކުރިންވަނީ ކޯވިޑް-19އަކީ ޗައިނާގެ ލެބޯޓަރީއެއްގައި އުފެދުނު ވައިރަހެއްކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސައިންސުވެރިންވަނީ އެބައްޔަކީ ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނާ ހަމައަށް ފޯރާފައިވާ ބައްޔެއްކަމަށް ބުނެފައެވެ. ލިންޑްމަޔާ ވިދާޅުވީ ޗައިނާގައި ބަލިފެތުރެން ފެށުނުގޮތް އިތުރަށް ތަހުޤީޤުކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، އެކަން ދިރާސާކުރުމަށް އެޖަމްޢިއްޔާގެ ވަފުދެއް ކުރިއަށް އޮތް ތަނުގައި ޗައިނާއަށް ދަތުރުކުރުން އެކަށީގެންވާކަމަށެވެ.

ކޯވިޑް-19 ވަނީ ދުނިޔޭގެ 212 ޤައުމާއި ސަރަޙައްދަށް ފޯރާ، 3.7 މިލިއަން މީހުންނަށް ބަލިޖެހިފައެވެ. އެބަލީގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 260،000އާ ގާތްކޮށްފައެވެ.