ޚަބަރު

އޭޝިޔާގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު 25،000އަށްވުރެ އިތުރުވެއްޖެ


އޭޝިޔާގައި ކޯވިޑް-19 ގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު 250،000 އަށް އިތުރުވެއްޖެއެވެ.

އޭޝިޔާގައި މިވަގުތު އެންމެ ބާރަށް ކޯވިޑް-19 ފެތުރެނީ ސިންގަޕޫރާއި ޕާކިސްތާނާއި އިންޑިޔާގައެވެ. ޗައިނާއާއި ދެކުނުކޮރެއާއާއި ޖަޕާނުގައި އެބަލި ހަލުވިކަމާއެކު ފެތުރެމުންގޮސް، ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. އެޤައުމުތަކާ ޚިލާފަށް އޭޝިޔާގައި އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ޤައުމުތަކަކީ އިންޑިޔާއާއި ޕާކިސްތާނާއި ސިންގަޕޫރެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށީ އޭޝިޔާއަށް ނިސްބަތްވާ ޗައިނާގައެވެ. ނަމަވެސް ބަލިމަޑުކަން ފުރަތަމަ ފެތުރެންފެށި އޭޝިޔާއަށް ވުރެ ވިލާތުގެ ޤައުމުތަކާއި އެމެރިކާގައި ބަލިމަޑުކަން ފެތުރޭ މިންވަރު މާ ހަލުވިއެވެ.

އޭޝިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 250،000އަށް އަރާފައިވަނީ އެސަރަޙައްދުން ބަލި ފުރަތަމަ ފެނުނުތާ ހަތަރު މަސް ފަހުންނެވެ. އެޢަދަދަށް ކޯވިޑް-19 ޖެހިފައިވާ މީހުން ވިލާތުގެ ޤައުމެއްކަމަށްވާ ސްޕެއިނުން ފެންނަންނެގީ ދެމަހާއި ދުވަސްކޮޅެކެވެ. މުޅިއެކު 250،650 ކޭހާއެކު އޭޝިޔާއިން ބަލިޖެހިފައިވާ މީހުންގެ ޢަދަދަކީ ދުނިޔެއިން ބަލިޖެހިފައިވާ މީހުންގެ ނިސްބަތުގެ 7 އިންސައްތައެވެ. 04 އިންސައްތަ މީހުން ފެނިފައިވަނީ ވިލާތުގެ ޤައުމުތަކުންނެވެ. އަދި އެމެރިކާއިން ފެނިފައިވާ މީހުންގެ ޢަދަދު 34 އިންސައްތަ ޙިއްޞާކުރެއެވެ. ޞިއްޙީ މާހިރުން ޤަބޫލުކުރާގޮތުގައި ބަލި ފެތުރިފައިވާ މިންވަރު ރިޕޯޓު ކުރެވުނު ޢަދަދުތަކަށްވުރެ ގިނަވާނެއެވެ.

ކޯވިޑް-19 ޖެހިގެން އޭޝިޔާގައި މަރުވާ މީހުންގެ ޢަދަދުވެސް ދުނިޔޭގެ އެހެން ސަރަޙައްދުތަކާ އަޅާބަލާއިރު މަދެވެ. އެސަރަޙައްދުން މަރުވެފައިވާ 10،000 މީހުން ޙިއްޞާކުރަނީ ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ 4 އިންސައްތައެވެ. ބަލީގެ ސަބަބުން މަރުވި މީހުންގެ 57 އިންސައްތަ ޙިއްޞާކުރަނީ ވިލާތުގެ ޤައުމުތަކުންނެވެ. އަދި 29 އިންސައްތަ ޙިއްޞާކުރަނީ ދެކުނު އެމެރިކާއެވެ. ސްޕެއިނާއި އިޓަލީވިލާތާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ކޮންމެ ޤައުމަކުންވަނީ 25،000އަށްވުރެ ގިނަ މީހުންމަރުވެފައެވެ. އެމެރިކާއިން މަރުވި މީހުންގެ ޢަދަދު 70،000އަށްވުރެ އިތުރެވެ.