ޚަބަރު

ކޯވިޑް-19 : މި މަހުގެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު


ރާއްޖެއިން ކޯވިޑް-19އަށް މިއަދު އެކަނި 45 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 33 މީހަކާއި، އިންޑިޔާގެ 2 މީހެއްގެ އިތުރުން 8 ދިވެހިންކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 618 އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓު ކުރުމަށް 9800 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 400 އަށްވުގެ ގިނަ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ރާއްޖެއިން މިހަތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ބިދޭސީންގެ 406 މީހަކު ޕޮޒިިވް ވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 212 މީހެކެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޯވިޑް-19ގެ ޓެގް ޓީމުގެ ޑޮކްޓަރު ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރު މުޖުތަމައުގައި ބަލި ފެތުރެމުންދާގޮތަށް ބަލާއިރު ބަލި ފެތުރެމުންދަނީ އާދައިގެ ލެވެލެއްގައިކަން ފާހަނގަވާކަމަށެވެ. ނަމަވެސް މިފަހުން މާލެއިން ފެނިފައިވާ ކޭސްތަކާއި ގުޅިގެން އިތުރު ކްލަސްޓާސްތަކެއް ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އަދި ކުރިއަށް އޮތް ދެހަފްތާއަކީ ރާއްޖެއަށް އެންމެ އުދަގޫ 2 ހަފްތާއަށް ވެގެންދާއިރު މިދެހަފްތާގައި ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.