ޚަބަރު

ކޯވިޑް-19 : ބޭހާއި ކާބޯތަކެތި ދިވެހ ފައިސާއިން ގަނެވޭނެ ގޮތް ހަމަޖެއްސުމަށް އެދިއްޖެ


ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހާއި ކާބޯތަކެތި، ދިވެހި ފައިސާއިން ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ވޯޓުންނެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭ މައްސަލަ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގައިވަނީ، ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށާއި ޤައުމުގެ އިޤްތިޞާދު ނެގެހެއްޓުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ބަޔާންކުރައްވާފައެވެ. އެހެންކަމުން ރާއްޖެއާ ރަޙްމަތްތެރި އެކުވެރި ޤައުމުތަކުން ޒަރޫރީ ބޭހާއި ކާބޯތަކެއްޗާއި އަދިވެސް އެހެނިހެން ޒަރޫރީ ތަކެތި، ދިވެހި ފައިސާއިން ރާއްޖެއަށް ގަނެވޭނެފަދަ އިންތިޒާމެއް ހަމަޖެހޭތޯ ބޭރުގެ ފަރާތްތަކާއި މަޝްވަރާކޮށް އެކަން ހަމަޖެހޭތޯ ބެލުމަށް ސަރުކާރަށް ހުށަހެޅުމަށް ވަނީ ނިންމަވާފައެވެ.

ކޮމިޓީ ރިޕޯޓްގައި ސަރުކާރަށް ހުށައަޅުއްވަން ނިންމަވާފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތައް ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވަންދެން ފަސްކޮށްދިނުމަށް މަޝްވަރާކޮށް އެކަން ހަމަޖެހޭތޯ، ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުންނާއި، ބޭރުގެ އަމިއްލަ ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ރާއްޖެއަށް ލިބެން ހަމަޖެހިފައިވާ ލޯނާއި، ހިލޭ އެހީއާއި އަދިވެސް އެހެނިހެން އެހީތެރިކަން، ހޯދުމަށް މަޝްވަރާކުރައްވައި، ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ކޮމިޓީން ބެއްލެވި ބެއްލެވުމުން ފާހަގަކުރެވިފައިވާކަމަށްވެސް ރިޕޯޓްގައި ވެއެވެ. އެހެންކަމުން އެމަސައްކަތް އަވަހަށް ކުރެއްވޭނެ އިންތިޒާމެއްގެ ހަމަޖެއްސުމަށް ހުށަހަޅުއްވަން ވަނީ ނިންމަވާފައެވެ.

ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި، އެފަދަ ފަރާތްތައް ރަޖިސްޓްރީކުރުމާއި، ރާއްޖޭގައި އުޅޭ އަދި އެތެރެވާ ބިދޭސީން މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމާއި، ރާއްޖޭގައި އެންމެ ގިނައިން އުޅޭ ބިދޭސީންގެ ޤައުމުތަކުގެ އެމްބަސީތަކާ މަޝްވަރާކޮށް އެފަރާތްތައް އެޤައުމަކަށް ފޮނުވާލުމުގެ ކަންކަން އިންތިޒާމްކުރައްވަމުން ގެންދަވާކަން ކޮމިޓީން ބެލިބެލުމުން ފާހަގަކުރެވިފައިވާކަމަށްވެސް މި ރިޕޯޓްގައި ވެއެވެ.