ޚަބަރު

ފުރުޓް ފްލައި ކޮންޓްރޯލްކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން


ފުރުޓް ފްލައިއަކީ އިންސާނުންނަށް ގެއްލުންދޭ ބާވަތުގެ ސޫތްޕެއް ނޫންކަމަށާއި، އެންމެންގެ އެއްބާރުލުމާއެކު ފުރުޓް ފްލައި ފެތުރުން ކޮންޓްރޯލްކުރެވިދާނެ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޕީ.އެސް.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، މުހައްމަދު ޝަރީފް ވިދާޅުވީ، ފުރުޓް ފްލައިއަކީ، ވަރަށް އަވަހަށް ވިހާ، އާލާވާ ސޫތްޕެއްކަމަށާއި، އޭތި އަހަރަކު ދިހަ ފަހަރު ބިސް އަޅާކަމަށެވެ. ޝަރީފް ވިދާޅުވީ، މެއްސެއްވަރުގެ މި ސޫފި، އާދައިގެ މެހިތަކަށްވުރެ، ދުރަށް އުދޫހޭ ކަމަށާއި، އިންސާނުންނަށް ގެއްލުމެއްނުދިން ކަމުގައިވިޔަސް، ފުރުޓް ފަލައިގެ ސަބަބުން، ދަނޑުވެރިން ހައްދާ މޭވާއާއި، ތަރުކާރީފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްދޭކަމަށެވެ އަދި ރާއްޖޭއިން ފެނިފައިވަނީ ފުރުޓް ފްލައިގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށްވާ އޮރިއެންޓަލް ފުރުޓް ފްލައިކަމުން، މިކަމަށް ދަނޑުވެރިންވެސް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމުކަމުގައި އޭނާ ވިދާޅުވިއެވެ. ރާއްޖެއިން މިހާތަނަށް ފުރުޓް ފްލައި ފެނިގެން ރިޕޯޓްކޮށްފައިވަނީ ށ އަތޮޅުގެ ދެ ރަށަކުންނެވެ. އެއީ ށ. ފީވަށް އަދި ށ. ފޯކައިދޫ. ޑެޕިއުޓީ މިނިސްޓަރ ޝަރީފް ވިދާޅުވީ، ފީވަށް އަދި ފޯކައިދޫ، މި ދެރަށުގައިވެސް ފުރުޓް ފްލައި ފެތުރުނަނުދީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. އަދި ފުރުޓް ފްލައި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ސެރެމޯން ޓްރަޕްސްއާއެކު އެ މިނިސްޓްރީގެ ޓީމްތަކުން އެ ދެ ރަށުގައި ހަރަކާތްތެރިވަމުން ދާކަމަށާއި، ފުރުޓް ފްލައި ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ބޭރުގެ ތަޖުރިބާކާރެއްގެ އެހީތެރިކަންވެސް ހޯއްދަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ށ އަތޮޅުގެ އިތުރުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުންވެސް މި ސޫފީގެ އަސަރު ފެންނަންހުރިތޯ ބެލުމުގެގޮތުން އެގްރިކަލްޗަރ މިނިސްޓްރީގެ ޓީމްތަކުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހަރަކާތްތެރިވަމުންދާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މިބާވަތުގެ ސޫފި މޭވާއަށް ކަށިޖެހުމަށް ފަހު އޭގެ ބިސް މޭވާގެ އެތެރެއަށް ފޮނުވާލާ، އަދި އެބިހުން އުފެދޭ ފަނިތައް މޭވާ ހަލާކު ކޮށްލައެވެ. އެހެންކަމުން އެބާވަތުގެ ސޫފީގެ ބިސް އެކުލެވޭ މޭވާއެއް ނުވަތަ ތަރުކާރީއެއް ބޭނުންނުކުރުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.