ޚަބަރު

ޑިސެމްބަރުމަހުގެ ފަހުކޮޅުން ފެށިގެން ފްރާންސްގައި ދިޔައީ ކޯވިޑް ފެތުރެމުން


ފްރާންސްގައި ކޯވިޑް ފެތުރެން ފެށީ ޖެނުއަރީމަހު ނޫންކަމަށާއި، އެޤައުމުގައި މިދިޔަ ޑިސެމްބަރުމަހުން ފެށިގެން ކޯވިޑް ފެތުރެމުންދިޔަކަމުގެ ހެކި ޑޮކްޓަރުން ހޯދައިފިއެވެ.

ޑިސެމްބަރުމަހުން ފެށިގެން ފްރާންސްގައި ކޯވިޑް ފެތުރެމުންދިޔަކަން ހާމަވީ ފްރާންސް ވެރިރަށް ޕެރިސްގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ނަގާފައިވާ ސާމްޕަލްތަކެއް ކޯވިޑްއަށް ޓެސްޓްކުރުމުންނެވެ. އެގޮތުން ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ނިއުމޯނިއާގެ އަލާމާތްތަކެއް ފެނިގެން އެޑްމިޓްކުރި މީހެއްގެ ގައިން ނަގާފައިވާ ސާމްޕަލެއްކަމަށް ޑޮކްޓަރުން ބުނެއެވެ.

ފްރާންސްއިން އެންމެ ފުރަތަމަ ކޯވިޑް ކޭސްއެއް ރިޕޯޓްކުރީ ޖެނުއަރީމަހުގެ 24 ވަނަ ދުވަހުއެވެ. އެފަހަރު ޕޮޒިޓިވްވީ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާންއަށް ދަތުރުކުރި ދެ މީހެކެވެ.

ނަމަވެސް ފަހުން ހޯދިހޯދުންތަކުން ފްރާންސްގައި ކޯވިޑް ފެތުރެން ފެށީ ޖެނުއަރީމަހު ނޫންކަމަށާއި އޭގެކުރިން ޑިސެމްބަރުމަހުން ފެށިގެން ފްރާންސްއާއި ޔޫރަޕްގައި ކޯވިޑް އުޅޭކަން މިހާރު ޔަޤީންކުރެވިފައިވާކަމަށް ޑޮކްޓަރުން ބުނެއެވެ.
ފްރާންސްގެ ޑޮކްޓަރުން ހޯދި ހޯދުން މިހާރު ވަނީ އިންޓަރނޭޝަނަލް ޖަރނަލް އޮފް މައިކްރޯބިއަލް އެޖެންޓްސްގައި ޝާޢިއުކޮށްފައެވެ.

މިޖަރނަލްގައި ޑޮކްޓަރުން ބުނީ ކުރިން އެކި ކަންކަމުގައި ޑޮކްޓަރަށް ދެއްކި މީހުންގެ ސާމްޕަލްތައް އަލުން ޓެސްޓްކުރަން ނިންމީ ނޭނގިނަމަވެސް ވައިރަސް ފެތުރިފައި އޮތްތޯ ޔަޤީންކުރުމަށްކަމަށެވެ. އެގޮތުން ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖެނުއަރީމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ސާމްޕަލް ނަގާފައިވާ ފަރާތްތަކުގެ ސާމްޕަލްތައް އަލުން ޓެސްޓްކުރިކަމަށް ފްރާންސްގެ ޑޮކްޓަރުން ބުނެއެވެ. އެގޮތުން ނެގި ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލް ޕޮޒިޓިވްވެފައިވަނީ ފްރާންސްގައި އުޅޭ އަލްޖީރިއާއަށް އުފަން 42 އަހަރުގެ މީހެއްގެކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި އޭނާ ޗައިނާއަށް ދަތުރުކޮށްފައިނުވާއިރު، އޭނާގެ ދަރިފުޅުވެސް ބަލިވެގެން ޑޮކްޓަރަށް ދައްކާފައިވާކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންކަމުން ޗައިނާއާ ގުޅުމެއް ނެތް، އަދި ދަތުރުތަކެއްކޮށްފައި ނުވާ މީހަކު ޕޮޒިޓިވްވެފައިވާތީ، ފްރާންސްގައި ޑިސެމްބަރުމަހުގެ ފަހުންކޮޅުން ފެށިގެން ކޯވިޑް ފެތުރެމުންދިޔަކަން ހާމަވާކަމަށް ޑޮކްޓަރުން ބުނެއެވެ.

ފްރާންސްގެ އިތުރުން އެމެރިކާގެ ސިއްހީ މާހިރުންވެސް ވަނީ މިފަދަ ހޯދުމެއް ހޯދާފައެވެ. އެގޮތުން އެމެރިކާއިން ކޯވިޑް ފެނުނުކަން ރަސްމީކޮށް އިޢުލާންކުރުމުގެ ކުރިންވެސް ބައެއް މީހުންނަށް ކޯވިޑްޖެހި، އަދި ބައެއް މީހުން މަރުވެފައިވާކަމުގެ ހެކިތައް އެބަހުރިކަމަށް އެމެރިކާގެ ބައެއް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ.