ޚަބަރު

އިއްޔެގެ ނިޔަލަށް މާލެ ސަރަަޙައްދުން 15947 މީހުން ފިޠުރު ޒަކާތް ދައްކައިފި


އިއްޔެގެ ނިޔަލަށް މާލެ ސަރަަޙައްދުން 15947 މީހުން ފިޠުރު ޒަކާތް ދައްކަފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މިގޮތުން މިހާތަނަށް އޮންލައިންކޮށް 690172 ރުފިޔާ ލިބިފައިވާކަމަށް އިސްލަާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުރަބަންދުކުރުމާ ގުޅިގެން މިއަހަރު އިސްލާމިކް މިނިސްޓްރީއަށް ގޮސްގެންނާއި ކައުންސިލްތަކަށް ގޮސްގެން ޒަކާތްދެއްކުމާއި، އަދި ގޮވާމުން ޒަކާތް ބަލައި ނުގަތުމަށް މިނިސްޓްރީއިންވަނީ ނިންމަވާފައެވެ. މާލެގައި ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިޠުރު ޒަކާތް ބެހުމަށް ނިންމާފައިވަނީ މިދިޔަ އހަރުގައި އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށެވެ. މިގޮތަށް ބެހުމަށް ނިިންމާފައިވަނީ ކޯވިޑް-19ގެ މިހާލަތުގައި ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވަތީކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުން ކަމަށެވެ. އެގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ފަޤީރުންގެ ގޮތުގައި އެބަތިއްބެވެ.

އިސްލާމިކް މިނިސްޓްރީއަށް ގޮސްގެންނާއި ކައުންސިލްތަކަށް ގޮސްގެން ޒަކާތްދެއްކުމާއި، އަދި ގޮވާމުން ޒަކާތް ބަލައި ނުގަތުމަށް ނިންމިނަމަވެސް 5 ގޮތަކަށް އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި އޫރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ.

އުރީދޫ ކަސްޓަމަރުންގެ ތެރެއިން ފޯނުން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެމް-ފައިސާ އެޕް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އުރީދޫން ޒަކާތް ބަލައިގަންނާނީ މެއިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން ޒަކާތް ދެއްކުމަށް *454*5# ޖެއްސެވުމުން ޒަކާތް ދައްކަންޖެހޭ ގޮތުގެ ތަފްސީލް ފެންނާނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް "ދިރާގު ޕޭ" މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭނީ އެމްއައިބީގެ އޮންލައިން ބޭންކިންގ "ފައިސާ ނެޓް" މެދުވެރިކޮށާއި، އެމްއައިބީގެ މޯބައިލް ބޭންކިންގ "ފައިސާ މޮބައިލް" މެދުވެރިކޮށެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ.

މާލެ، ވިލިމާލެ، ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

  • އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑުލުންނަމަ 48 ރުފިޔާ
  • ބާސްމަތީ ހަނޑުލުންނަމަ 105 ރުފިޔާ
  • ރަތް ހަނޑުލުންނަމަ 65 ރުފިޔާ
  • އާދައިގެ ފުށުންނަމަ 12 ރުފިޔާ
  • އާޓާ ފުށުންނަމަ 55 ރުފިޔާ

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.