ޚަބަރު

ކޯވިޑް-19 : ފަހުން ފެނުނު ކޭސްތަކާ ގުޅިގެން އިތުރު ކްލަސްޓާތަކެއް ފެނުމުގެ ފުރުސަތު ބޮޑު


އެންމެފަހުން މާލެއިން ފެނުނު ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން އިތުރު ކްލަސްޓާތަކެއް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޯވިޑް-19ގެ ޓެގް ޓީމުގެ ޑޮކްޓަރު ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރު މުޖުތަމައުގައި ބަލި ފެތުރެމުންދާގޮތަށް ބަލާއިރު ބަލި ފެތުރެމުންދަނީ އާދައިގެ ލެވެލެއްގައިކަން ފާހަނގަވާކަމަށެވެ. ނަމަވެސް މިފަހުން މާލެއިން ފެނިފައިވާ ކޭސްތަކާއި ގުޅިގެން އިތުރު ކްލަސްޓާސްތަކެއް ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

"ޓްރެންޑަށް ބަލައިފިނަމަ އަދި މިފެންނަކީ އަނެއްކާވެސް ވަރަށް ލޯ ޑްރެންޑެއްގަ. އެހެންނަމަވެސް މިފަހަށް ފެނުނު ކޭސްތަކާއި ވިދިގެން އިތުރު ކްލަސްޓާސްތަކެއް ފެނުމުގެ ފުރުސަތު އޮންނާނެކަމަށް ލަފާކުރެވޭ" ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރ ވަނީ މިވަގުތު ބަލީގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ 6 މީހުންގެ މައުލޫމާތުދެއްވާފައެވެ. އެގޮތުން މި މީހުނެގ ތެރެއިން 70 އަހަރުގެ މީހާއާއި، 88 އަހަރުގެ މީހާއަށް ފަތުވާދެމުންދަނީ ވެންޓިލޭޓަރުގައިކަމަށެވެ. 80 އަހަރުގެ މީހާއާއި 58 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އޮކްސިޖަންގެ އެހީގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަރުވާދެމުންދާ 48 އަހަރުގެ މީހާއާއި 80 އަހަރުގެ މީހާގެ ހާލު ރަގަޅުކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވަނީ މިއަދަކީދުނިޔޭގެ އަތްދޮވުމުގެ ދުވަހަށް ވާއިރު، މިހާލަތުގައި ގިނަ ގިނައިން އަތްދޮވުމަށް ރައްޔިތުން ޚާއްސަ އިސްކަމެއް ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ ބަލީގައި އިތުރަށް މަސައްކަތް ކުރަންޖެހޭ ދުވަސްތަކެއްކަމަށްވުމުން އާންމު ސާފްތަހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޑޮކްޓާ އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.