ޚަބަރު

އެސްޑީއެފްސީއާއި ޖޮބްސެންޓަރުގެ ރިލީފް ލޯނުތަކަށް، ފަންނާނުންނަށް ވެސް އެދެވޭނެ - މިނިސްޓަރ ޔުމްނާ


ކޯވިޑް-19އާއި ގުޅިގެން އާމްދަނީ ހޯދުމަށް ދަތިވެފައިވާ ފަންނާނުންނަށް ސަރުކާރުން މިހާރުވެސް އިއުލާންކޮށްފައިވާ ލޯން ސްކީމްތަކުގެތެރެއިން ލޯނަށް އެދެވޭނެކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިކަމާބެހޭ ގޮތުން ނެރުއްވާފައިވާ ބަޔާނެއްގައި މިނިސްޓަރ ޔުމްނާ ވިދާޅުވެފައި ވަނީ ފަންނާނުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު، ފައްޔާޟު އިސްމާޢީލާއި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައިވާކަމަަށެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ފަންނާނުންނައް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާބެހޭ މަޢުލޫމާތު އިކޮނޮމިކް މިނިސްތަރާއި ފިނޭންސް މިނިސްޓަރާ ހިއްސާކުރައްވާފައިވާ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިިހާރުވެސް އިޢުލާންކުރައްވާފައިވާ ރިލީފް ލޯން ސްކީމްތަކަށް ފަންނާނުންނަށްވެސް އެދެވޭނެކަމުގެ ޔަޤީންކަން މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނިމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް ދެއްވާފައިވާކަމަށް މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ. މިގޮތުން "ޖޮބްސެންޓަރ ޑޮޓް އެމްވީ"އާއި އެސްޑީއެފްސީ މެދުވެރިކޮށް މިހާރުވެސް ފޯރުކޮށްދެމުންދާ ރިލީފް ލޯނުތަކަށް ފަންނާނުންނަށް އެދެވޭނެކަމަށް މިނިސްޓަރ ފައްޔާޟާ ޙަވާލާދެއްވައި މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.