ޚަބަރު

ކޯވިޑް-19 : އެހީ ބޭނުންވާ 100އަށްވުރެ ގިނަ އާއިލާއަށް މަންމައިގެ ޖަމިއްޔާއިން އެހީވަނީ


"މަމްސް އޮފަރިންގ މަމްސް ސަޕޯޓް" މޮމްސް އެންޖީއޯއަކީ އެހީބޭނުންވާ މައިންނާއި އާއިލާތަކަށް އެހީވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ ކްލޯސްޑް ކޮމިއުނިޓީގައި 33ހާހަށްވުރެ ގިނަ މައިން ދަނީ ބައިވެރިވެ އެކަކު އަނެކަކަށް އެހީވަމުންނެވެ.

މި ޖަމިއްޔާގެ އެންމެ އިސް މަޤްސަދަކީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމެވެ. އެގޮތުން ކޯވިޑް 19ގެ މި ހާލަތާއި ގުޅިގެންވެސް މޮމްސް އެންޖީއޯއިން ވަނީ މައިންނާއި އާއިލާތަކަށް އެހީވުމަށް ވަރަށް މުހިންމު މަސައްކަތެއް ފަށާފައެވެ. މަމްސް އެންޖީއޯއިން ވަނީ މިހާރު މި ދިމާވެފައިވާ ކޯވިޑް 19ގެ ޙާލަތުގައި އެހީ ބޭނުންވާ މައިންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "އެހީ ޕެކް" ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

މިމަސައްކަތުގައި މަމްސް އެންޖީއޯ އާއި އެކު އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި މަސައްކުރަނީ އެހީ ޖަމިއްޔާއިންނެވެ. އެޖަމިއްޔާއިން ދަނީ މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ޕީއެސްއެމްއާއި ވާހަކދައްކަވަމުން މަމްސް އެންޖީއޯގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ރިޔާޝާ ވިދާޅުވީ މިއީ ކޯވިޑް 19 ރިލީފް ކެމްޕެއިނެއް ގޮތުގައި ފެށި މަސައްކަތެއްކަމަށެވެ. އެގޮތުން އެންމެފުރަތަމަ މަސައްކަތްކުރީ މޮމްސް އެންޖީއޯގައި މިވަގުތު ހިމެނޭ އާއިލާތަކުގެ ތެރެއިން އެހީ ބޭނުންވާ އާއިލާތަކާއި، އަދި އެނޫންވެސް ގޮތްގޮތުން އެހީ ބޭނުންވާ އާއިލާތަށް ދެނެގަތުމަށެވެ. މަމްސް އެންޖީއޯގެ ކޮމިއުނިޓީ ޕޭޖްތައް މެދުވެރިކޮށް، އެހީބޭނުންވާ އާއިލާތަކުން އެކަން އެންގުމަށްވެސް ހުޅުވާލިކަމަށް ރިޔާޝާ ވިދާޅުވިއެވެ.
މި ކެމްޕެއިންގައި އިސްކަންދީފައިވަނީ ގޭގެގެ ކެއިން ބުއިމުގެ ޚަރަދުތައް ބެލެހެއްޓުމާއި، ޒަރޫރީ ތަކެތި ހޯދުމަށް ދަތިވާ އާއިލާތަކަށް އެހީވުމަށެވެ.

"އަޅުގަނޑުމެއް ޕެކްތައް ތައްޔާރުކުރާ ފޮޓޯ ލީމަ އަދި ވަަރަށް ގިނަ މީހުން އެބަ ރިކުއެސްޓްކުރޭ ބޭނުންވެގެން. އަޅުގަނޑުމެން ގްރޫޕާއި އެކި މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުން އެހީބޭނުންވާ 100އަށްވުރެ ގިނަ އާއިލާ ވަނީ ދެނެގަނެވިފައި. މީގެތެރޭގައި އަތޮޅުތަކުގެ ރަށްތަށްވެސް ހިމެނޭ. ވަރަށް ބޮޑަށް އަޅުގަނޑުމެން ވެރިފައިކުރަން އެބަ މިއީ އެންމެ ބޭނުންޖެހިފައިވާ އާއިލާތައްކަން ކަށަވަރުކުރުން." ރިޔާޝާ ވިދާޅުވިއެވެ..

މި އާއިލާތަކަށް މަމްސް އެންޖީއޯއިން އެހީވަނީ "ހަދިޔާ ޕެކް" ފޮނުވައިގެންނެވެ. މި ޕެކްތަކުގައި ހިމެނެނީ ކެއިން ބުއިމަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި، ތުއްތުކުދިންގެ ކާނާއާއި، ކުޑަކުދިންނާއި ބޮޑެތިމީހުން ސާފުތާހިރުވުމަށް ބޭނުންވާ ސާމާނެވެ.

މަމްސް އެންޖީއޯގެ މި މަސައްކަތުގައި މާލީގޮތުން އެހެން ޖަމިއްޔާތަކާއި، ވިޔަފާރިތަކުން އެހީތެރިވަމުންދާކަން އެންޖީއޯއިންވަނީ ފާހަގަކޮށްފައެވެ. މިވަގުތު ކުރިއަށްދަނީ މި އެހީ ޕެކްތަށް ގޭގެއަށް ފޮނުވުމަށް ތައްޔާރުކުރުމުގެ ކުރުމުގެ މަސައްކަތެވެ.

"ހަނޑޫ ހަކުރު ފުއް، މުގު، ތެޔޮ، މަސްދަޅު، ކިރު ޕެކެޓު، ހަވާދު، ކުޑަކުދިންގެ ކާއެއްޗެއްސާއި ނެޕީއާއި ރީތިވާސާމާނު، ބޮޑެތިމީހުންގެ ރީތިވާ ސާމާނު ހިމެނޭ. ކުޑަކުދިންގެ ނެޕީއާއި، ކެއުމަށް ބޭނުންވާ ތަކެތި ފޮނު ވަނީ އެކުދިންނަށް ބޭނުންވާ ސައިޒާ ބާވަތަށް ދެނެގަތުމަށްފަހު." ރިޔާޝާ ވިދާޅުވިއެވެ.

މި ތަކެތި އާއިލާތަކަށް ފޮނުވުމަށް ޕެކްކުރަނީ ބިލަބޮންގް ސްކޫލްގައި މަމްސް އެންޖީއޯގެ 5މެންބަރުންގެ ޓީމަކުންނެވެ. މަމްސް އެންޖީއޯއިން ބުނެފައިވަނީ ޑެލިވަރީކުރުމުގެ ހުއްދަ ލިބުމާއިއެކު ގޭގައަށް ޕެކްތައް ފޮނުވަމުންދާނެކަމަށެވެ. އަދި ރަށްތަށަށް ޕެކްތައް ފޮނުވޭނެ ގޮތްތައްވެސްް ހަމަޖައްސަމުންދާކަމަށެވެ.

މަމްސް އެންޖީއޯއާއި އެހީދޭ އެހެން ޖަމާތްތައް ގުޅިގެންދަނީ އިތުރަށްވެސް އާއިލާތަކަށް އެހީވުމަށް މަސައްކަތް ކުރަމުންނެވެ.