ކޮޅުމަޑުލު މަޑިފުށީގައި މިއަދު ރުކަކުން ވެއްޓި ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.
މިއަދު މެންދުރުފަހު ހިނގި މިހާދިސާގައި ރުކަކުން ވެއްޓި މަރުވެފައި ވަނީ، ތ މަޑިފުށީ، ޔުމްނާ މަންޒިލް، ހަސަން ފަޔާޒް (37އ) އެވެ.
މަޑިފުށީ ކައުންސިލްގެ ރައީސް އިސްމާއިލް ހިލްމީ ވިދާޅުވީ، ފަޔާޒު ވެއްޓިފައި ވަނީ އެރަށުގެ އަންހެނުންގެ ކެފޭ ކައިރިން ބަނދަރު ސަރަައްދުގައި ހުރި ސާޅީހަކަށް ފޫޓުގެ ދިގު ރުކަކަށް އަރައިގެން އުޅެނިކޮށް ކަމަށެވެ.
ފަޔާޒު ރުކުން ވެއްޓިފައި ވަނީ މިއަދު 13:50 ހާއިރުގައެވެ.
އެސަރަހައްދަކީ މަޑިފުށީ ސިއްޙީ މަރުކަޒާއިވެސް ދާދި ގާތް ސަރަހައްދަކަށް ވުމުން ވަގުތުން އޭނާ މަރުކަޒަށް ގެން ދެވުނު ކަމުގައި ހިލްމީ ވިދާޅުވިއެވެ.
ފަޔާޒު މަރުވެފައި ވަނީ ރުކުންވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް މަޑިފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ގެންދަނިކޮށެވެ.
މި ހާދިސާ ހިނގައިދިޔަގޮތް ފުލުހުންވެސް ގެންދަނީ ތަޙުޤިޤު ކުރަމުންނެވެ.