ޚަބަރު

ކޯވިޑް-19 : މަރުވި ބިދޭސީމީހާގެ ޖަނާޒާ ބާއްވައިފި


ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ނިޔާވި ބިދޭސީމީހާގެ ކަށުކަމާކެމީގެ ކަންތައް ފުރިހަމަކޮށް ހުޅުމާލެ ސަހަރާގައި ވަޅުލައިފިއެވެ.
މަރުވި ބަނގުލަދޭޝްގެ އެމީހާގެ ކަށުކަމާކެމީގެ ކަންކަން ކޮށްފައި ވަނީ އެކަަމަށް ޚާއްސަ ތަމްރީން ދެވިފައިވާ ޖަމާއަތްތެރިންގެ ތެރޭގައި ހިމެނޭ ސިފައިންގެ ބޭކަލުންނެވެ.
އުމުރުން 33 އަހަރުގެ މި ފިރިހެން މީހާ މަރުވެފައި ރޭ ފަތިހު އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުންދަނިކޮށް ހާޓް އެޓޭކްއެއް ޖެހިގެންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދެއެވެ. ފިޓްޖެހިގެން އެންމެ ފުރަތަމަ އެ މީހާ ގެންގޮސްފައި ވަނީ ރޭ ފަތިހު 4:30 ގައި ސެނެހިޔާ ހޮސްޕިޓަލަށެވެ. އެމީހާގެ ޙާލު އިތުރަށް ގޯސްވާން ފެށުމުން ރޭ ފަތިހު 5:30ގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާކަމަށް އެންއީއޯސީއިން ވިދާޅުވިއެެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ލޭ އަރާފައިވުމުން ފަރުވާ ދޭން މާގިނަ އިރުތަކެއް ނުލިބި މަރުވީކަމަށް އައިޖީއެމްއެޗުން ވަނީ ހާމަކުރައްވާފައެވެ.

އަދި އައިޖީއެމްއެޗުން އަމަލުކުރާ އުސޫލުގެ ދަށުން އެމީހާވެސް ކޯވިޑް-19އަށް ޓެސްޓްކުރޮ އިރު ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް އައިރު މިމީހާއަކީ މިހާރު ފެނިފައިވާ ކްލަސްޓަރތަކާއި ގުޅުންހުރި މީހެއްކަން ސާފުވެފައި ނުވާއިރު، މިމީހާއާއި ދިމާވި މީހުން ދެނެގަނެ ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމުގައި އެންއޯއީސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އަޒީޒު ވިދާޅުވިއެވެ.

މިއީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ރާއްޖޭއިން މަރުވި ދެވަނަ ފަހަރެވެ. އެހެން ނަމަވެސް މަރުވި މިބިދޭސީ މީހާގެ މަރަކީ ކޯވިޑް-19އާއި ގުޅިގެން ދިމާވި ހާލަތެއް ކަމަށް ބުނަން އުނދަގޫކަމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ވިދާޅުވެފައި ވެއެވެ. އެންމެ ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ރާއްޖޭގައި މަރުވެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނެކެވެ.