ވިޔަފާރި

ކޯވިޑް-19 : ޑެލިވަރީގެ ޚިދުމަތްދޭ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން އެސްޓީއޯއިން ޑެލިވަރީގެ ޚިދުމަތް މެދުކަނޑާލައިފި


އެސްޓީއޯގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން އެސްޓީއޯއިން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންދާ "އީސްޓޯރ.އެމްވީ"ގެ ޙިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެސްޓީއޯއިން ވިދާޅުވީ، ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދޭ "އީސްޓޯރ.އެމްވީ" ގައި މަސައްކަތްކުރާ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ޑެލިވަރީގެ ޙިދުމަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީންކޮށްފައިވާކަމަށެވެ. އެސްޓީއޯއިން ވިދާޅުވީ އަލުން ޙިދުމަތް ފެށޭނީ މުވައްޒަފުން މަސައްކަތަށް ނިކުތުމުން ކަމަށާ އެހެންކަމުން ވަގުތީގޮތުން ޑެލިވަރީގެ ޙިދުމަތް މެދުކަނޑާލާފައިވާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން މާލެ ފުރަބަންދުކޮށްފައިވުމުގެ ސަބަބުން ވިޔަފާރިކުރުމަށް ބޭރަށް ދިއުމުގެ ބަދަލުގައި ޑެލިވަރީގެ ނިޒާމު ގިނަ މީހުން މީހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެސްޓީއޯއިން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އޮންލައިންކޮށް ވިޔަފާރި ކުރަމުންނެވެ. އެގޮތުން އެސްޓީއޯގެ "އީސްޓޯރ.އެމްވީ" މެދުވެރިކޮށް 5000 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވިޔަފާރިވެސް ކޮށްފައެވެ.

އެސްޓީއޯއިން އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ. މި ޙިދުމަތް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެސްޓީއޯއިން ވަނީ މާފަށްއެދިފައެވެ.