ޚަބަރު

ކޯވިޑް-19 : މިޙާލަތުގައި ޢަމަލުކުރާނެ 300އަށްވުރެ ގިނަ ހޯދުން ރައީސަށް އަރުވަނީ


ކޯވިޑް-19ގެ ޙާލަތުގައި ރާއްޖެއަށް ކުރަމުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ތިން ސަތޭކަށްވުރެ ގިނަ ހޯދުންތަކާއި ލަފާ، ސަރުކާރަށް އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވަފިއެވެ. މިއީ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާކޮށް ހޯދާފައިވާ ހޯދުންތަކެކެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ޕްރޮގްރަމްތައް ތަންފީޒު ކުރުމުގައި ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތުގެ ލަފައެއް ދިނުމަށް މަޖިލީހުގެ 12 ކޮމިޓީއަކުން ވަނީ ދިރާސާތަކެއް ކުރައްވާފައައެވެ. މިހާރު މަޖިލީހުގައި ކުރަމުން އަންނަ މަސައްކަތްތަކަކީ މިހާލަތަށް ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށް އިޝާރާތްކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިހާތަނަށް 10 ކޮމިޓީއެއްގެ މަސައްކަތް ނިންމަވައި ރިޕޯޓުތައް ލިބިވަޑައިގެންފައިވާކަމަށެވެ.

މިއީ މިހާރުގެ ޙާލަތާ ގުޅޭގޮތުން ސަރުކާރަށް ލަފައެއް އެރުވުމަށް ކުރި މަސައްކަތްތަކެއްކަމަށާ، މިރިޕޯޓުތަކުގައި މިވަގުތު ރާއްޖެއަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަން ވަރަށް ސާފުކޮށް ހިމަނަފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ރިޕޯޓްތަކުގައި އިއްޒަތްތެރި މެންބަރުން ވަރަށް ސާފްކޮށް ބަޔާންކޮށްދީފައި އެބައޮތް. ދައުލަތުގެ އާމްދަނީ ހުރި މިންވަވަރާ ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާ ދައުލަތުގެ އާމްދަނީއަށް ވާނެ އެކިއެކި ތަފާތު ގޮތްތަކުގެ ވާހަކަ ދައުލަތުގެ ހުރިހާ ވުޒާރާއަކުން މަޢުލޫމާތު އޮޅުންފިލުވައިގެން މި ރިޕޯޓްތަކުގައި ހިމަނާފައި އެބަވޭ. ވަޒީފާ ގެއްލޭ މިންވަރު ވަޒީފާ ގެއްލޭ ޢަދަދު ވަޒީފާ ގެއްލެނީ ކޮންބައެއްގެކަމާ އޭގެން ދިމާވެދާނެ އިތުރު މައްސަލަތަކާމެދު މި ރިޕޯޓްގައި ބަޔާންވެގެން އެބަވޭ. ބޯހިޔާވަހިކަން ގެއްލިފައިވާ ވަންނާނެ ތަނެއް ނެތް މީހުންނާއި ގުޅޭ ދާނެ މިސްރާބަކާ ގުޅޭ މަޢުލޫމާތުވެސް އެބަވޭ ހިމަނާފައި." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޖުމުލަ އެއް ހާސް ފަސް ސަތޭކައަށްވުރެ ޞަފްޙާ ހިމެނޭ ރިޕޯޓުތަކުގައި، ތިން ސަތޭކައަށްވުރެ ގިނަ ހޯދުންތަކާއި، ތިން ސަތޭކައަށްވުރެ ހިނަ ހުށަހެޅުން ރިޕޯޓްތަކުގައި ހިމަނާފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މި ރިޕޯޓްތައް އެކުލަވާލުމުގައި ޢިއްޒަތްތެރި މެންބަރުން ވަރަށް ދަތިހާލުގައިވެސް ވާހަކަ ނުދައްކަވާ ހަމަ އެއްވެސް އިދާރާއެއް މުއައްސަސާއެއް ގުޅުންހުރި އިދާރާއެއް މުއައްސަސާއެއް ނެތް. އެބޭފުޅުން މަޢޫލޫމާތު ހޯއްދަވާފައިއެބަވޭ މިނިވަން މުއައްސަސާތަކުން މުސްތަޤިއްލު މުއައްސަސާތަކުން ސަރުކާރުގެ އިދާރާތަކުން، އަމިއްލަ ފަރާތްތަކުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކުން، އަމިއްލަ ވިޔަފާރިތަކުން ވަކިވަކި ފަރުދުންގެ ފަރަތުން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މިރިޕޯޓްތަކުން މިޙާލަތުން ޢަމަލުކުރަންވީ ގޮތުގެ ތަސައްވުރެއް މަޖިލީހުގެ ފަރާތުން ސަރުކާރަށް ދެވޭކަމަށެވެ. މިއަހަރަށް ލަފާކުރި ބަޖެޓުން ލަފާކުރި ޢަދަދަށް އާމްދަނީ ނުލިބޭކަމަށާ، ބަޖެޓުގައިވާގޮތަށް ޚަރަދުވެސް ނުކުރެވޭ މި ޙާލަތުގައި، ބަޖެޓްގައި ހުރިގޮތަށް ޚަރަދުތައް ކުރެވެން ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މަޖިލީހުން މި ހޯދި ހޯދުންތަކަކީ މިޙާލަތުން އަރައިގަތުމަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ހުށަހަޅާ ލަފައާއި އިރުޝާދުކަމަށް ޤަބޫލުފުޅު ކުރައްވާކަމަށާ، މި ރިޕޯޓްތަކުގައިވާ ހޯދުންތަކާއި ހުށައެޅުންތައް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.