ދިވެހިރާއްޖެއިން ކޯވިޑް-19ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ %65 މީހުންނަކީ ބިދޭސީންނެވެ. މީގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.
ބިދޭސީންގެ ބޮޑު އިންސައްތައެއް ރާއްޖޭގައި މަސައްކަތްކުރަނީ ލޭބަރ މަސައްކަތްތެރިންގެ ގޮތުގައެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައިވެސް ގިނައީ މިފަދަ މަސައްކަތްތައް ކުރާ މީހުންނެވެ.
ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި މިހާތަނަށްވެސް ޙައްލު ނުވެ އޮތް މައްސަލައެކެވެ. ލިޔެކިޔުންތައް ނެތުމާއި، މަސައްކަތެއްނެތި އުޅޭ އެތަށް ބަޔަކު އުޅެއެވެ. މިމީހުންގެ ދިރިއުޅުމުގެ ޙާލަތުވެސް ވަރަށް ދަށެވެ. އެއް ތަންކޮޅެއްގައި ގިނަބަޔަކު ދިރިއުޅުމަކީވެސް މިބަލި ބިދޭސީންގެ ތެރޭގައި މިހާބޮޑަށް ފެތުރިގެން ދިޔަ ސަބަބުވެސްމެއެވެ. ރާއްޖޭގައި ކޯވިޑް-19ފެތުރެން ފެށުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއްވެސްކުރީ ބިދޭސީންނަށެވެ. ނިދުމުގެ ޖާގައިގެ ދަތިކަމާއި، ކެއިން ބުއިން ހަމަޖެއްސޭނެ ގޮތެއް ނެތި އެތަށްބަޔަކު މަގުމަތިވިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ފުލުހުން އަދި މޯލްޑިވްސް ރެޑްކްރަސަންޓުންދަނީ ބިދޭސީންނަށް އެހީވުމަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ އެމީހުންގެ ދިރިއުޅުމުގެ ޙަލަތު ރަނގަޅުކުރުމެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތުގެތެރެއިން ހުޅުމާލެއާއި، ގުޅިފަޅަށްވަނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ތަންތަނުގައި ދިރިއުޅުނު ބިދޭސީން ބަދަލުކުރަން ފަށާފައެވެ. ނަމަވެސް މިފަދަ އެތަށްތަނެއް މާލޭގައި އަދިވެސް އެބަހުއްޓެވެ. ބިދޭސީންގެ ކަންކަން ހަމަޖެއްސުމުގައި މިވަގުތު އެންމެ އިސް ރޯލެއް އަދާކުރަނީ ދަރުމައަށް މަސައްކަތްކުރާ ދިވެހި ރެޑްކްރެސެންޓު ޖަމްޢިއްޔާއެވެ. ރެޑްކްރަސަންޓްގެ މަސައްކަތަށް އެހެން ފަރާތްތަކުންދަނީ މާލީ އެހީއާއި ތަކެތިވެސް ހަދިޔާކުރަމުންނެވެ.
ފުލުހުންނާއި ރެޑްކްރަސަންޓް ގުޅިގެންދަނީ ބިދޭސީން ދިރިއުޅޭ 22ތަނެއް މޮނިޓަރކުރަމުންނެވެ. ރެޑްކްރަސަންޓުން މިހާތަނަށްވަނީ މިގޮތަށް ދިރިއުޅޭ 8000އަށްވުރެ ގިނަ ބިދޭސީންނަށް އެހީވެފައެވެ. އަދި މިހާރުވެސް އެމީހުންގެ ކަންކަން ބަލަހައްޓާއި، ކޮންމެ ދުވަހަކު ދޭންޖެހޭ އެހީތެރިކަންދަނީ ފޯރުކޮށްދެމުންނެވެ.
މިހާތަނަށް އައިއިރު ހައިހޫނުކަމާއި ކުރިމަތިލާންޖެހިފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ރެޑްކްރަސަންޓުންވަނީ 14500އާ ގާތްކުރާ އަދަދަކަށް މީލްޕެކް ފޯރުކޮށްދީފައެވެ. އަދި 13ތަނެއްގައި ދިރިއުޅެމުންއަންނަ 600އަށްވުރެ ގިނަ މީހުނަށްވަނީ ކެއިން ބުއިމަށް ބޭނުންވާ ޒަރޫރީ ތަކެތީގެތެރޭގައި ހިމެނޭ ހަނޑޫ ފިޔާ އަލުވިފަދަ ތަކެތި ފޯރުކޮށްދީފައެވެ.
އަދި ސާފުތާހިރުވާން ބޭނުންކުރާ ސައިބޯންޏާއި ދަތްއުނގުޅާ ބޭހާއި ބުރުހާއި ތުވާލިިފަދަ ތަކެތިދަނީ ހާޅުގައިޖެހިފައިވާ ބިދޭސީންނަށް ހަދިޔާކުރަމުންނެވެ.
މީގެއިތުރުން މަގުމަތިވެފައިވާ ބިދޭސީންނަށްވެސް އެހީތެރިކަން ދެނީ ރެޑްކްރަސަންޓާއި ފުލުހުން ގުޅިގެންނެވެ. މިގޮތަށް ގެނެސް ވަގުތީ ބޯހިޔާވަހިކަމުގައި ބައިތިއްބާ ބިދޭސީންގެ ކެއިން ބުއިމަށްބޭނުންވާ ތަކެއްޗާއި، ރީތިވާ ސާމާނުދަނީ ފޯރުކޮށްދެމުންނެވެ.
މާލޭގެ އެކި ތަންތާންގައި ތިބި ބިދޭސީންނަށް ބޭނުންވާ ކާބޯތަކެތި ޑެލިވަރީކުރުމުގެ ޚިދުމަތްވެސްދެނީ ރެޑްކްރަސަންޓްގެ ބެލުމުގެދަށުންނެވެ. އެގޮތުން މިހާރުވެސް މިގޮތަށް އެކި ތަންތަންގައި ދިރިއުޅޭ ބިދޭސީންނަށް ކާބޯތަކެތި ޑެލިވަރީކޮށްދިނުމުގެ ހުއްދަ 52އައުޓްލެޓެއްގެ 200މީހުންނަށްވަނީ ދީފައެވެ. ރެޑްކްރަސަންޓުން ދޫކުރާ ފާސް ބޭނުންކޮށްގެން ބިދޭސީންގެ ކޮއްތު ޑެލިވަރީކުރުމުގެ ޚިދުމަތްދަނީ ދެމުންނެވެ. މުޅި މާލެއަށް ބަލާއިރު ލައްކައަކާ ގާތްކުރާ އަދަދަކަށް ބިދޭސީން ދިރިއުޅެއެވެ.
ބިދޭސީންނަށް އެހީވުމަށް ކުރާ މަސައްކަތުގެދަށުން ރެޑްކްރެސެންޓުގެ އިސްނެގުމާއެކުވަނީ "މައިގްރަންޓް ރިލީފް ފަންޑް"ގެ ނަމުގައި ފަންޑެއްވެސް ހުޅުވާފައެވެ. މި ފަންޑުން ލިބޭ ފައިސާ ޚަރަދުކުރާނީ ބިދޭސީންނަށް ޒަރޫރީ ޚިދުމަތްތައް ދިނުމަށެވެ.
ރެޑްކްރަސަންޓަކީ ރާއްޖޭގައި ދަރުމައަށް އެދިގެން މަަސައްކަތް ކުރާ އެންމެ ބޮޑު އެއް ޖަމާޢަތެވެ. ކާރިސާގެ ވަގުތުތަކުގައި ރެޑްކްރެސެންޓުންދޭ އެހީއަކީ ފާހަގަކުރަންޖެހޭ އެހީއެކެވެ. ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި، 24ގަޑިއިރު ރެޑްކްރަސަންޓްގެ ދަރުމަވެރިންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގައި ރެޑްކްރަސަންޓެގެ 500އަށްވުރެ ގިނަ ވޮލަންޓިއަރުންދަނީ ބައިވެރިވަމުންނެވެ. މާލޭގެ އިތުރަށް އަތޮޅުތަކުގައިވެސް ދަނީ ރެޑްކްރަސަންޓްގެ ވޮލަންޓިއަރުން ހަރަކާތްތެރިވަމުންނެވެ.