ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތަށް 8 ބިލިއަން ޑޮލަރު ދޭން ދުނިޔޭގެ ލީޑަރުން އެއްބަސްވެއްޖެ


ކޯވިޑް-19އާއި ދެކޮޅަށް ކުރާ މަސައްކަތަށް 8 ބިލިއަން ޑޮލަރު ދިނުމަށް ދުނިޔޭގެ ލީޑަރުން އެއްބަސްވެއްޖެއެވެ.

ކޯވިޑް-19 އަށް ފަރުވާދިނުމަށާއި، ބޭނުންވާ ސިއްހީ އާލާތްތައް އުފައްދާ، ވެކްސިން ހޯދާ، ތަރައްޤީކޮށް، މުޅިދުނިޔެއަށް ފޯރުކޮށްދިނުމުގެ މަސައްކަތަށް ފަންޑް ރެއިޒް ކުރުމަށް ދުނިޔޭގެ ލީޑަރުން ވަނީ ބޮޑު ކެމްޕެއިނެއް ފަށާފަެެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަަތައް އެހީތެރިވުމަށް ދުނިޔޭގެ ލީޑަރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއި ހެޔޮ އެދޭ ފަރާތްތައް ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

މިކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ވާރޗުއަލް ކޮންފަރެންސެއް ބާއްވާފައެވެ. މިކެމްޕެއިން ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވީ ޔޫރަޕްގެ އިއްތިހާދާއި، އިނގިރޭސިވިލާތް، ނޯވޭ، ޖަޕާން، ކެނެޑާ، ސައޫދީ އަރަބިއްޔާ އަދި ޗައިނާއެވެ. މިފަރާތްތަކުން މިފެށި ކެމްޕެއިންނަކީ މިހާރުވެސް ވޯލްޑް ބޭންކާއި ދަ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއި އެހެނިހެން ހެޔޮ އެދޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ކުރިޔަށްގެންދާ ކެމްޕެއިނެކެވެ. މިކަމުގައި ބައިވެރިވުމަށް އެމެރިކާއިން ވަނީ ދެކޮޅުހަދާފައެވެ.

މިކަމާ ގުޅޭގޮތުން ބޭއްވި ވަރޗުއަލް ކޮންފަރެންސްގައި މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ބައިވެރިންވަނީ ކޯވިޑް-19އާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ޤައުމުތަކުން ބޭނުންވާ އެހީއަށް 8.1 ބިލިއަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި މިމަސައްކަތަށް ބޭނުންވާ އިތުރު ފަންޑު ހޯދުމުގެ މަސައްކަތް ކުރުމަށްވެސް މިކެމްޕެއިންގެ ބައިވެރިން ވަނީ އެއްބަސްވެފައެވެ.

މިމަސައްކަތާބެހޭ ގޮތުން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އަރްސަލާ ވޮން ޑޭ ލެޔެން ވިދާޅުވީ މިއީ ދުނިޔޭގެ ފެންވަރުގައި މިހާ ގިނަ ބަޔަކު އެކުގައި މިފަދަ ކަމެއްގައި ހަރަކާތްތެރިވާ ފުރަތަމަ ފަހަރު ކަމަށެވެ.

އީޔޫ ކޮމިޝަނުން ބުނީ ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކި ޤައުމުތަކަށް އެހީވުމަށް މިހާރުން މިހާރަށް 8 ބިލިއަން ޑޮލަރު ބޭނުންވާއިރު، މީގެތެރެއިން 3 ބިލިއަން ޑޮލަރު ބޭނުންކުރާނީ ވެކްސިނެއް ހޯދާ، ތަރައްޤީކޮށް ބެހުމަށް ކުރާ މަސައްކަތަށްކަމަށެވެ.

މީގެއިތުރުން ކޯވިޑް-19 އަށް ފަރުވާ ފޯރުކޮށްދިނުމަށް 2.25 ބިލިއަން ޑޮލަރު، މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޕްރޮޓެކްޓިވް އިކުއިޕްމަންޓު، މާސްކު ފަދަތަކެތި ފޯރުކޮށްދިނުމަށް 750 މިލިއަން ޑޮލަރު، އަދި ޓެސްޓިން ކިޓްތައް ފޯރުކޮށްދިނުމަށް 750 މިލިއަން ޑޮލަރު ބޭނުންކުރާނެކަމަށެވެ. ބާކީވާ 1.25 ބިލިއަން ޑޮލަރު އެންމެ ނާޒުކު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާއި ހަވާލުކުރާނެކެމަށް އީޔޫ ކޮމިޝަނުން ބުނެއެވެ.

އެމެރިކާއިން މިކަމުގައި ބައިވެރި ނުވާތީ ދުނިޔޭގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމައަތްތަކުގެ ވެރިން ވަނީ މިކަމަށް ފާޑު ކިޔާފައެވެ. ނަމަވެސް މިކަމުގައި އެމެރިކާއިން ބައިވެރިނުވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާއަކީ ދުނިޔޭގައިވެސް ކޯވިޑް-19 ގެ ކޭސްތައް އެންމެ ގިނަ ޤައުމެވެ.