ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިހާތަނަށް 665.4 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އެކި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާ މިޙާލަތުގައިވެސް ޢާއްމުނަށް ބޭނުންވާ އަސާސީ ޙައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ ޚަރަދުތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 665.4 މިލިއަން ރުފިޔާ ސަރުކާރުންވަނީ މިކަމުގައި ޚަރަދުކުރައްވާފައެވެ. މިޚަރަދުތަކުގެތެރޭގައި އެންމެ ބޮޑު ޚަރަދެއް ކުރަމުން އަންނަނީ ސިއްޙީ ކުއްލި ނުރައްކަލުގެ މިޙާލަތުގައި ދިމާވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ އެކި ވަޞީލަތްތައް ހަމަކުރުމަށެވެ. އެގޮތުން 353.9 މިލިއަން ޚަރަދުކޮށްފައިވަނީ ސިއްޙީ ވަޞީލަތްތައް ގެނައުމަށެވެ.
އަދި 110.6 މިލިއަން ޚަރަދުކޮށްފައިވަނީ އެކި އެހީތަކާއި ސަބްސިޑީގެ ގޮތުގައި ހަމަޖެއްސި ޚަރަދުގެ ގޮތުގައެވެ. އޭގެ ތެރޭގައި ކާބޯތަކެތި ފޯރުކޮށްދިނުމާއި ޙާލުގައި ޖެހިފައިވާ މީހުނަށް ކުރި ޚަރަދުވެސް ހިމެނެއެވެ. އަދި 94.2 މިލިއަން ޚަރަދުކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން މީހުން ބޭތިއްބުމަށް ތައްޔާރުކުރި ތަންތަނަށާއި އެހެނިހެން މިފަދަ ޚަރަދުގެ ގޮތުގައެވެ. އައިސޮލޭޝަން ފެސިލިޓީތައް ޤާއުމުކުރުމަށް ބިމާއި ޢިމާރާތުގެ ކުލީގެ ޚަރަދުތަކުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ސަރުކާރުންވަނީ ޚަރަދުކޮށްފައެވެ. އޮޕަރޭޝަނަލް ޚިދުމަތްތައް ދިނުމަށް ސަރުކާރުންވަނީ 32.2 މިލިއަން ޚަރަދުކޮށްފައެވެ. އަދި ކޯވިޑް ނަވާރައިގެ ދަތުރު ޚަރަދުގެ ގޮތުގައި މިހާތަނަށް 2.4 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.
ކޯވިޑް-19އާއި ގުޅިގެން ސަރުކާރުގެ ހުރިހާ މުވައްސަސާއެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ވައިރަހުގެ ސަބަބުން އިޤްތިޞާދީ ގޮތުންވެސް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ސަރުކާރުން އަމާޒު ހިފާފައިވަނީ މިބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށެވެ. އަދި މިނުރައްކަލުން އަރައިގަނެވުމުން އިޤްތިޞާދު ހަމައަކަށް އެޅުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.