ޚަބަރު

ކޯވިޑް-19 : ރައީސްގެ ޚާއްސަ ޝުކުރު، ޢާއިލާއާ ދުރުގައި މަަސައްކަތް ކުރާ މީހުންނަށް


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގޫ ޙާލަތު ތަޙައްމަލުކޮށް، ޢާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތްކުރާ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.

ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޙާލަތުން އަރައިގަތުމަށް އެތައްބަޔަކު ކޮންމެ ދުވަހަކު 24 ގަނޑިއިރު ދެމުންދާ ޚިދުމަތަކީ ޝުކުރު ހައްގު ޚިދުމަތްތަކެއްއް ކަމަށެވެ. އެމީހުން ޢާއިލާއާއި އަނބިދަރީންނާ ދުރުގައި އެތައް ދުވަހެއް ވޭތުކުރުމަނުންދަނީ މުޅި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު ދިމާވެފައިވާ އުނދަގޫތައް ތަޙައްމަލްކުރައްވައި، ކެތްތެރިކަމާއެކު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް، އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ މިއާއެކު، މިބަލި ރާއްޖެއިން ނައްތައިލުމަށް، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ޢާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ބަޔަކު އެބަތިއްބެވި. ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން، އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑް ކްރެސެންޓްގެ ހުރިހާ ބޭފުޅުން، އަދި އެ ތަންތަނާ އެކުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރި މުޖުތަމައުގައި ބަލި އޮތް ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވަނީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއިއެކު ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމަކީ ރާއްޖޭގެ ތިއްބެވި ޞިއްޙީ ބޭފުޅުންގެ ހުނަރާއި ޤާބިލްކަން ވަރަށްބޮޑަށް ހާމަވެގެން ދިޔަ ދަނޑިވަޅެއްކަަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން. ނަމަވެސް އެއީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ޤައުމީ ރޫޙުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް. ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތް ﷲގެ ވާގިފުޅާއެކު، ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

ރާއްޖެއިން ކުރަމުންދާ މިމަސައްކަތުގައި އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަން ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ބޭރުގެ އެކި ޤައުމުތަކާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ފަރާތުންވެސް ބޮޑެތި އެހީތެރިކަން ލިބެމުންދާކަމަށެވެ. މިހުރިހާ ފަރާތްތަކަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.