ޚަބަރު

ކައުންސިލްތަކުގެ ދައުރާ ގުޅޭ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް


އައު ކައުންސިލަރުން އިންތިޚާބުކުރެވެންދެން މިހާރު ތިބި ކައުންސިލް މެންބަރުން މަޤާމުގައި ދެމިތިބޭނެގޮތަށް ހުށައެޅި ބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ. މި ބިލު ދިރާސާކުރެއްވުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 53 މެންބަރުންގެ އަޣްލަބިއްޔަރުންނެވެ. މިކަމާ ދެކޮޅަށް ވޮޓު ދެއްވީ 6 މެންބަރުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ބިލު 2020 ގެ ނަމުގައި ހުށައެޅުއްވި ބިލުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި މިހާރު އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ އުމުރު 3 ޖޫން 2020 ތާރީޚަށް ހަމަވާއިރު، ކޯވިޑް-19 އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ޚާއްސަ ޙާލަތާހެދި އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ކުރިމަތިވެދާނޭ ޤާނޫނީ ހުސްކަމަށް ޙައްލު ހޯދައިދިނުމެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން މެނުވީ ހިންގުމަކީ ޤާނޫނު އަސާސީން ތަންނުދޭ ކަމަކަށްވާއިރު މިޤާނޫނާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާނެއެވެ. ނަމަވެސް މިބިލް ޤާނޫނަށްކަށް ވެގެންދާއިރު މިކަމަށްވެސް ހައްލުތަކެއް ލިބިގެންދާނެއެވެ.

ނަމަވެސް އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތިވެދާނެތީއާއި، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނޭ ގޮތެއް ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިޚާބު ބާއްވައި، ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވަންދެން މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިންތިޚާބުކުރެވިފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށް ހުށަހަޅާފައިވާފައިވާ ބިލުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި އެ ކައުންސިލްތަކަށް ލިބިގެންދާނެކަމަށްވެސް މި ބިލުގައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ޤާނޫނުއަސާސީއާއި، ޤާނޫނުގައިވާ ގޮތުގެ މަތީން ފުރިހަމަ ބާރުވެރިކަން ލިބިގެންވާ، އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާންޖެހޭނޭ ނިންމުންތަކެއްކަމުގައި ބެލެވޭނެކަމަށްވެސް މި ބިލުގައިވެއެވެ.

މި ބިލު ހުށައަޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވީ، މިހާރު ފެތުރެމުންދާ ކޯވިޑް19 ގެ މިހާލަތުގައި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތްކަމަށެވެ.

މިހާރު ތިބި ކައުންސިލް މެންބަރުންގެ މުއްދަތު އިތުރުކުރުމަށް ޤާނޫނު އަސާސީއަށްވެސް އިޞްލާހެއް ހުށައެޅިއެވެ. ނަމަވެސް މެންބަރުންގެ މެދުގައި މިކަމާ ގުޅިގެން ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. މި މައްސަލާގައި ބަންޑާރަ ނާއިބު ވިދާޅުވެފައިވަނީ ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ހުރަހެއް ނެތްކަމަށެވެ.