ޚަބަރު

ގއ. ވިލިނގިލި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލައިފި


ގއ. ވިލިނގިލި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ނިންމާލައިފިއެވެ. މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެމްޓީސީސީއިން ކުރި ޓުވީޓް

ދަޢުލަތުގެ ބަޖެޓުން 10.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގއ. ވިލިނގިލި ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން 7985 މީޓަރުގެ ސަރަޙައްދެއް ހިއްކާ، 346 މީޓަރުގެ ކަނޑު ތޮށްޓެއް ވަނީ ލާފައެވެ. މީގެ އިތުރުން ވިލިނގިލީގައި ކުރިން ބޭނުންކުރި ބަނދަރާއި އައު ބަނދަރު ގުޅުވާލާ 30 މީޓަރުގެ ފާލަމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ ނެރު ބައްތިޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.

ގއ.ވިލިނގިއްޔަކީ ހުވަދުއަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އެއްރަށެވެ. އާބާދީގައި 3700 މީހުން ދިރިއުޅޭ މި ރަށުގައި ގިނަ ޢަދަދެއްގެ އޮޑި ދޯނިފަހަރު ގެންގުޅޭއިރު، އަތޮޅުގެ ވެރިރަށަށް ވުމުން، މިރަށު ބަނދަރުގެ ބޭނުން މުޅި އަތޮޅުގެ ރައްޔިތުން ހިފައެވެ.