ޚަބަރު

ކޯވިޑް-19: ސާމްޕަލް ނެގުމަށް ބެނުންކުރާ ޚާއްސަ ބޫތުތަކެއް ދިރާގުން ހަދިޔާކޮށްފި


ކޯވިޑް-19 ޝައްކުވާ މީހުންގެ ސާމްޕަލް ނެގުމަށް ޚާއްސަ ސާމްޕްލިންގ ކިއޮސްކް ނުވަތަ ސާމްޕްލިންގ ބޫތުތަކެއް ދިރާގުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކޮށްފިއެވެ.

ދިރާގުންވަނީ 15 ސާމްޕްލިންގ ކިއޮސްކް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ. މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ ދިރާގުން ހަދިޔާކުރި ސާމްޕްލިންގ ކިއޮސްކް ފަރުމާކޮށްފައިވަނީ ބަލި މީހާއާއި ސާމްޕަލް ނަގާ އޮފިޝަލާއި ދެމެދު ގައިދުރުކަން ކަށަވަރުވާގޮތަށް ކަމަށެވެ. މިތަކެތި ފަރުމާކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ޕްރިންޓިންގ ލެބްގެ ފަރާތުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ސާމްޕަލް ނެގުމަސް ޚާއްސަ މި ބޫތުތައް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ގައިދުރުކަން ކަށަވަރުކުރުމުގެ އިތުރުން ސާމްޕަލް ނެގުމުގައި މި ކިއޮސްކް ބޭނުންކުރުމުގެ ސަބަބަން ޢާއްމުގޮތެއްގައި ސާމްޕަލް ނެގުމަށް ބޭނުންކުރާ ރައްކާތެރިކަމުގެ ވަޞީލަތްތައްކަމުގައިވާ ޕީޕީއީތައް ބޭނުންކުރާ މިންވަރު މަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ސަބަބުން މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ޑިމާންޑް ބޮޑުވެ ލިބުން ދަތިވެފައިވާ ރައްކާތެރިކަމުގެ ވަޞީލަތްތައް ބޭނުންކުރާ މިންވަރު މަދުވެ އޭގެ އެންމެ ބޮޑަށް ބޭނުންޖެހޭ ޙާލަތްތަކުގައި އެ ބޭނުންކުރުމަށް ރައްކާކުރެވޭނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރި އިތުރުވަމުންދާ މިދަނޑިވަޅުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި މިވަގުތު ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކާއި ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތަކާއިވެސް ގުޅިގެން މި ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް އެތައް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިވަގުތު ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެކި ސާމާނާއި ޓެސްޓުކުރުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.