ޓެންޒޭނިޔާގައި ކޯވިޑް-19އަށް ތަހުލީލުކުރަން ބޭނުންކުރާ ކިޓުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އެޤައުމުގެ ރައީސް ޖޯން މަގަފުލީ ވިދާޅުވެއްޖެއެވެ.
ރައީސް މަގަފުލީވަނީ ޓެންޒޭނިޔާގައި ކޯވިޑް-19އަށް ތަހުލީލުކުރަން ބޭނުންކުރާ ކިޓުތަކަކީ ބޭރު ޤައުމަކުން އެތެރެކޮށްފައިވާ ކިޓުތަކެއްކަަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކިޓުތައް ހޯދީ ކޮން ޤައުމަކުންކަމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޓެސްޓު ކިޓުތައް ލިބުމުން އެކިޓުތަކުގެ ފެންވަރު ޔަޤީންކުރުމަށް ޤައުމުގެ ދިފާޢީ ބާރުތަކަށް އެންގެވިކަމަށް ރައީސް މަގަފުލީ ވިދާޅުވިއެވެ. އެގޮތުން އިންސާނުންގެ ހަށިގަނޑުން ނަގާފައިވާ ސާންޕަލުތައް ނޫން ސާންޕަލުވެސް އިންސާނުންގެ ހަށިގަނޑުން ނަގާފައިވާ ސާންޕަލެއްގެ ގޮތުގައި ފަހަގަކޮށް، ތަހުލީލުކުރާ ލެބޯޓަރީތަކަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ފަޅޮލަކާއި ބަކަރިއަކާއި ކަންބަޅިއެއްގެ ސާންޕަލުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ލެބޯޓަރީތަކުގައި މަސައްކަތްކުރާ ޓެކުނީޝަނުންނަށް އެސާންޕަލުތަކުގެ ޙަޤީޤަތް އަންގާފައެއް ނުވެއެވެ. ފަޅޮލާއި ބަކަރިން ނެގި ސާންޕަލުތަކުން ކޯވިޑް-19 ހުރިކަމަށް ދެއްކިކަމަށާއި އެހެންކަމުން ބަލި ނެތް ބައެއް މީހުންގެ ގައިގައި ބަލިހުރިކަމަށް ތަހުލީލުގެ ނަތީޖާ ދެއްކުމަކީ ވަރަށް އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކިޓުތަކުގައި މައްސަލަތަކެއް ހުރިކަން ހާމަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މަގަފުލީ ވިދާޅުވީ އެހީގެ ގޮތުގައި ލިބޭ ކޮންމެ އެއްޗަކީ ޤައުމަށް ހެޔޮއެދިގެން ދޭ އެއްޗެއް ކަމަށް ނުވެދާނެކަމަށް ކުރިންވެސް އޭނާ ވިދާޅުވެފައިވާނެކަމަށާއި ތަހުލީލު ކިޓުތަކުން މައްސަލަ ފާހަގަކުރެވުމަކީ އިތުރަށް ތަހުޤީޤުކުރަންޖެހޭ ކަމެއްކަމަށެވެ.
ޓެންޒޭނިޔާއިން ކޯވިޑް-19 ޖެހިފައިވާ 480 މީިހުންވަނީ ފެނިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން 16 މީހުންވަނީ މަރުވެފައެވެ. އެފްރިކާގެ އެހެން ޤައުމުތަކާ ޚިލާފަށް ޓެންޒޭނިޔާއިން ބަލިޖެހިފައިވާ މީހުންގެ ޢަދަދަށް ކޮންމެ ދުވަހަކު އަންނަ ބަދަލުތަކެއް ޤަވާއިދުން ޙިއްޞާއެއް ނުކުރެއެވެ. ރައީސް މަގަފުލީގެ ސަރުކާރުން ޓެންޒޭނިޔާގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު ސިއްރުކުރާކަމުގެ ތުހުމަތުވަނީ ކުރެވިފައެވެ.
އެމެރިކާއާއި ވިލާތުގެ ޤައުމަކަށްވުރެ އެފްރިކާގެ ސަރަޙައްދުތަކުން ކޯވިޑް-19 ފެންނަ މިންވަރު ދަށެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކާ ޚިލާފަށް އެފްރިކާގެ ޤައުމުތަކުގައި ކޯވިޑް-19އަށް ތަހުލީލުކުރެވޭ މިންވަރުވެސް ވަރަށް ދަށެވެ.