ޚަބަރު

ކޯވިޑް-19 : މިއަދު އެކަނިވެސް އަތޮޅުތަކަށް 37000 ބަސްތާގެ ކާޑު ފޮނުވައިފި


މިއަދު އެކަނިވެސް އަތޮޅުތަކުގެ ރަށްތަކަށް 37000 ބަސްތާގެ ކާޑުގެ ބާވަތްތައް ފޮނުވާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކުރައްވައިފއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދު އަތޮޅުތަކަށް 17000 ބަސްތާގެ ހަނޑުލާއި 11000 ބަސްތާގެ ފުށާއި 9000 ބަސްތާގެ ހަކުރު އެސްޓީއޯއިން ފޮނުވާފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކޮށްފައިވާ 20 ފޫޓުގެ 53 ކޮންޓެއިނަރތަކާއި 40 ފޫޓުގެ 29 ކޮންޓެއިނަރ މިއަދު ކްލިއަރ ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިރޭ މޯލްޑިވިއަނުން ވަނީ 15062 ކިލޯގެ މުދާ ރާއްޖެ އެތެރެކޮށްފައިކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ގެންދަނީ މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮސްދެމުންނެވެ. އަދި އެސްޓީއޯއިންވެސް ވަނީ ކާޑުގެ ޑިމާންޑު ބޮޑުވިނަމަވެސް، ކާޑު ލިބުމުގައި އަދި ދަތިކަމެއް ނެތްކަމަށް ވިދާޅުބވެފައެވެ. މާލެ ސަރަހައްދުގެ ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގަނެވޭނެ ކަމަށާއި، ރަށްރަށުގައި ކާޑު ހުރި މިންވަރެއް ބެލުމަށް ގުޅަމުންދާ ކަމަށްވެސް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މާލެ ފުރަބަންދު ކުރުމާގުޅިގެން ވިޔަފާރިކުރުމަށް މިހާތަނަށް 27800 ފަރާތަކަށް ގްރޮސެރީ ޕާމިޓް ދޫކޮށްފައިވާކަމަށެވެ. އަދި މާލޭގައި ޑެލިވަރީކުރަން މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ބިޒްނަސް ޕާމިޓްގެ ގޮތުގައި 14398 ހުއްދައެއް މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.