ޚަބަރު

ކޯވިޑް-19 : މަސްކެނޑުމާއި ޑެލިވަރީގެ ޚިދުމަތްދޭ ގޮތަށް މަސްމާރުކޭޓު ހުޅުވާލަނީ


މަސްކެނޑުމާއި ޑެލިވަރީގެ ޚިދުމަތްދޭ ގޮތަށް ހަމަޖައްސައި މާލޭގެ މަސް މާރުކޭޓު ހުޅުވާލުމުގެ މަސައްކަތްކުރައްވަމުންގެންދަވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ، ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި އެކަން ހަމަޖެހިގެންދާނެކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ކޯވިޑް-19ގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ދިވެހިންގެ ކެއުމުގެ މައިގަނޑު އެއްބައިކަމުގައިވާ ރޯ މަސް ގޭބިސީތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި މަސްމާރުކޭޓު ހުޅުވުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ކުރައްވަމުން ގެންދަވާކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ސިފާ ވިދާޅުވީ މާލެ މަސް މާރުކޭޓު ހުޅުވާލިނަމަވެސް އެއްވެސް ގޮތަކަށް ޢާއްމުނަށް މަސް ގަތުމަށް މާރުކޭޓަށް ވަޑައިނުގެންނެވޭ ކަމުގައި ވިދާޅުވިއއެވެ. އެކަން އެގޮތަށް ހަމަޖައްސަވާފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމުގައިވެސް މޭޔަރު ސިފާ ވިދާޅުވިއެވެ.

" މާރުކޭޓު ހުޅުވާލުމުގެ މަސައްކަތް ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި ހުޅުވާލުމުގެ މަސައްކަތް މިދަނީ ކުރަމުން. އެތަނުގައި ކުރާނީ މަސް ކަނޑާފަ ޑެލިވަރކުރުމުގެ މަސައްކަތް. އެ މަސައްކަތް އަވަހަށް ފެށުމަށް މިދަނީ ތައްޔާރުވަމުން." ސިފާ ވިދާޅުވިއެވެ.

މަސްމާރުކެޓު ހުޅުވާލުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާއިރު އެކައުންސިލުން އަންނަނީ ލޯކަލް މާރުކޭޓުގެ ޚިދުމަތް ފޯރުކޮށްދެވޭނޭ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިވަގުތު ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ގަތުމަށް އުފައްދާފައިވާ އެގްރޯ ކުންފުންޏާއި ގުޅިގެން ލޯކަލް މާރުކޭޓަށް ބޭނުންވާ ބާވަތްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ސިފާ ވިދާޅުވިއެވެ.

"މާރުކޭޓުގެ ހުސްކޮށް ހުރި ގޮޅިތައް އެގްރޯ ކުންފުންޏާއި ހަވާލުކޮށްގެން މާލެއަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް އެބަކުރިއަށްދޭ. މީގެ ސަބަބުން މާލެ އައުމުގެ ކުރިން ސިދާ ދަނޑުވެރިޔާ އާއި މުޢާމަލާތް ކުރެވި މިހާރަށްވުރެ ބޮޑަށް މާލެއަށް އަންނަ ކާބޯތަކެތީގެ ބާވަތްތައް މޮނިޓަރ ކުރެވޭނެ." ސިފާ ވިދާޅުވިއެވެ.

މާލޭ ސިޓި ކައުންސިލުން އެންމެ ފުރަތަމަ އެންމެ އިސްކަމެއް ދީގެން ލޮކްޑައުންގެ ޙާލަތުގައި ހުޅުވައި ޚިދުމަތް ދެވޭނެ ގޮތްތައް ހަދާފައިވަނީ ކަންމަތީ ފިހާރަތަކެވެ. އެގޮތަށް އެކަން ކޮށްފައިވަނީ ޢާއްމުކޮށް ގެއަށް ބޭނުންވާ ޒަރޫރީތަކެތި ހޯދުމުގައި ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ ކަންމަތީ ފިހާރަތަކަށް ކަމުގައި ވާތީ ކަމުގައިވެސް މޭޔަރު ސިފާ ވިދާޅުވިއެވެ.

އެހެންނަމަވެސް ލޮކްޑައުން އާއި ގުޅިގެން ރައްޔިތުންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިކަމަށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އައިސީޕީތަކަށް އަންނަ އެކި ރިކުއެސްޓްތަކަށްބަލާއިރު ގޭބިސީތަކަށް އެހެނިހެން ކަންކަންވެސް ބޭނުންވާކަން ފާހަގަކުރެވިފައިވާތީ ކުރިއަށް އޮތްތަނުގައި ހޯލްސޭލްކުރާ ތަންތަނަށްވެސް ހުއްދައާއެކު ޚިދުމަތްދެވޭނެ މަގު ފަހިކުރުމަށް ނިންމާފައިވާކަމަށް ސިޓީ ސިފާ ވިދާޅުވެއެވެ. އަދި ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން މިފަދަ ޚިދުމަތްތައް ފުޅާކުރިނަމަވެސް މާލެސިޓީ ކައުންސިލުން މަސައްކަތްކުރާނީ އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަނޑާއެގޮތަށްކަމުގައިވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.