ކޯވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ ޢަދަދު 28،000އަށްވުރެ އިތުވެއްޖެއެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އެއް ޤައުމުކަމަށްވާ އިޓަލީވިލާތުގައި ބަލިމަޑުކަމުގެ ސަބަބުން މަރުވެފައިވަނީވެސް 28،000 މީހުންނެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން މަރުވާ މީހުންގެ ގޮތުގައި އިނގިރޭސިވިލާތުގައި ގުނަނީ ހަމައެކަނި ހަސްފަތާލުތަކުގައި މަރުވާ މީހުންނެވެ. އެހެންކަމުން، ކޯވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަސްލު ޢަދަދު އިޓަލީވިލާތަށްވުރެ ގިނަވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އިޓަލީވިލާތުގައި ކޯވިޑް-19 ޖެހިފައިވަނީ 210,717 މީހުންނަށެވެ. އަދި އިނގިރޭސިވިލާތުގައި ބަލިމަޑުކަން ޖެހިފައިވާ މީހުންގެ ޢަދަދު 182,260އަށް އަރައެވެ. އިނގިރޭސިވިލާތާއި އިޓަލީވިލާތަށްވުރެ ބޮޑަށް ބަލިމަޑުކަން ފެތުރިފައިވަނީ އެމެރިކާއާއި ސްޕެއިންގައެވެ.
އިނގިރޭސިވިލާތުގައި ކޯވިޑް-19 ފެތުރެން ފެށުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ޤައުމު ފުރަބަންދުކުރަން ދެކޮޅުހައްދަވާފައެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވުމުގެ ފުރުޞަތު އޮތްކަމަށް ދިރާސާއަކުން ދެއްކުމުން އޭނާގެ ނިންމުންވަނީ ބަދަލުކުރައްވާފައެވެ. ބަލިމަޑުކަން ފެތުރެން ފެށުމުން އެދެވޭ ފިޔަވަޅުތަކެއް އެޅުމުގައި އިނގިރޭސިވިލާތުގެ ސަރުކާރު ލަސްކޮށްފައިވާކަމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ޕާޓީތަކުންދަނީ ކުރަމުންނެވެ.
ކޯވިޑް-19 ޖެހުމުން ފަރުވާ ހޯއްދަވާފައިވާ ބޮޑުވަޒީރު ޖޮންސަންވަނީ އިނގިރޭސިވިލާތުގައި އެންމެ ހަލުވިކަމާއެކު ބަލި ފެތުރުނު ޙާލަތު ފަހަނައަޅާގޮސްފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބަލިމަޑުކަން ފެތުރޭތީ އިނގިރޭސިވިލާތުގައި އަޅާފައިވާ ހަރުކަށިި ފިޔަވަޅުތަކާއި ފުރަބަންދު އުވާލަން އަވަސްކަމަށާއި އެޤައުމުގައި ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެ، ޖޮންސަންވަނީ ފަސް ކަމެއް ޙާޞިލްވުމުން ފިޔަަވަޅުތައް އުވާލައްވާނެކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ދުވާލެއްގެ މައްޗަށް މީހުން މަރުވާ ޢަދަދު ދަށްކުރުމާއި އެޢަދަދު ދެވަނަ ފަހަރަށް އިތުރުވިޔަނުދިނުން ހިމެނެއެވެ.
އިނގިރޭސިވިލާތުގެ ސައިންސުވެރިންވަނީ އެޤައުމުގައި ކޯވިޑް-19ގެ ސަބަބުން މީހުން މަރުވާ ޢަދަދު ދަށްވާން ފަށާފައިވާކަމަށް ބުނެފައެވެ. ނަމަވެސް ދުވަސްކޮޅެއް ވަންދެން އެއްމިނެއްގައި އެޢަދަދުތައް ހިފެހެއްޓިފައި ހުންނާނެކަމަށް ބެލެވޭކަމަށް ސައިންސުވެރިން ބުނެއެވެ.