މުނިފޫހިފިލުވުން

ރިޝީގެ މަރު : އަމިއްލަ ދަރިއަކު ވަކިވުންފަދަ ކަމެއް - އާޝާ ބޯސްލޭ


ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންގެ ތެރޭގައި ގުނާލެވޭ އަދި ބޮލީވުޑް ވުޖޫދުވުމުގައި މުހިއްމު ދައުރެއް އަދާކުރި މަޝްހޫރު ކަޕޫރު އާއިލާގެ މެމްބަރު ރިޝީ ކަޕޫރުގެ މަރާއެކު މުޅި ބޮލީވުޑަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.

ރިޝީގެ ކުއްލި މަރާއެކު ބޮލީވުޑްގެ އެހާރާއި މިހާރުގެ ތަރިން އަންނަނީ ރިޝީ ކަޕޫރުގެ ޢާއިލާއަށް ހަމްދަރުދީ ފާޅުކޮށް، އޭނާގެ ހަނދާން އައު ކުރަމުންނެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި އެންމެ ގިނަ ލަވަ ކިޔައިގެން ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ވަނީ ރިޝީ ކަޕޫރުގެ ވަކިވެދިޔުން އެއީ ބޮލީވުޑަށް ލިބިގެންދިޔަ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއްކަމަށް ބުނެފައެވެ. ރިޝީ ކަޕޫރުގެ މަރު އޭނާ ސިފަކޮށްފައިވަނީ އަމިއްލަ ދަރިއަކު ބީވެގެންދިއުންފަދަ ކަމެއްގެ ގޮތުގައެވެ. އާޝާއާއި ރިޝީއަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.

"ރިޝީގެ މަރުގެ ޚަބަރާއެކު އަހަންނަށްވެސް ލިބުނީ ޝޮކެއް. އަހަރެންގެ 3 ދަރިން ތިބޭ. އަހަރެންގެ 4 ވަނަ ދަރި ވަކިވެގެން އެ ދިޔައީ. މިއީ އޭނާގެ ޢާއިލާއާއި ވާހަކަދައްކަން އެންމެ އެކަަށޭނަ ވަގުތުކަމަށްނުވާތީ، އަދި ވާހަކައެއް ނުދައްކަން. އެކަމު އަހަރެންގެ ހެޔޮ ދުޢާ އެ ޢާއިލާއާއެކުވޭ" އާޝާ ބުނެފައިވެއެވެ.

އާޝާ ބުނިގޮތުގައި ރިޝީއަކީ ދެވަނައެއްނެތްފަދަ ހުނަރުވެރި އެކްޓަރެކެވެ. އަދި އޭނާއާއި އަޅާ ކިޔޭނެ އިތުރު އެކްޓަރެއް ބޮަލީވުޑުގައި ނެތްކަމަށްވެސް އާޝާ ބުނެފައިވެއެވެ.

"ބޯލީވުޑް ފިލްމް އިންޑަސްޓްރީގައި ނަން މަޝްޙޫރު އެތައް ފަންނާނުންތަކެއް އެބަތިބި. އެކަމު ރިޝީވަރެއްނެތް. އާޓިސްޓެއްގެ ކިބައިގައި ހުންނަންޖެހޭ ހަޤީޤީ ސިފަތައް އޭނަގެ ކިބައިގައި އެބަހުރި. އެކްޓްކުރުމުގެ އިތުރުން ނެޝުމަށްވެސް އެހާ މޮޅު. ރޮމޭންޓިކް ހީރޯއެއްގެ ރޯލަށް އެވަރެއްނެތް" އާޝާ ބުންޏެވެ.

ރިޝީއަކީ ކެއުމަށް ލޯބިކުރާ، ތަފާތު އެކި ކަހަލަ ކެއުންތައް ތަޖުރިބާ ކުރާ ފަންނާނެކެވެ. އާޝާއަކީވެސް ރިޝީއަށް މީރުކެއުންތައް ތައްޔާރުކޮށްދޭ މީހެކެވެ. ނަމަވެސް ރިޝީގެ މަރާއެކު ރިޝީއަށް އެންމެ ކަމުދާ ކެއުން ތައްޔާރުކުރުމާއި، އެ ކެއުންވެސް މިހާރު ހުއްޓާލާފައިވާ އާޝާ ބުނެފައިވެއެވެ.

ކަޕޫރޫ ހާންދާނަށް ނިސްބަތްވާ އެންމެ ކާމިޔާބު އެކްޓަރ ރިޝީ ކަޕޫރު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވެފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ. މަރުވިއިރު އޭނާގެ ޢުމުރަކީ 67 އަހެރެވެ.

ރިޝީ ފިލްމީ ދުނިޔެއަށް އެންމެ ފުރަތަމަ ނުކުތީ 1970 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ބައްޕަ ރާޖް ކަޕޫރުގެ ފިލްމް "މޭރާ ނާމްހޭ ޖޯކަރ"އިން ޗައިލްޑް އާޓިސްޓެއްގެގޮތުގައެވެ. ރިޝީ ކަޕޫރު ވަނީ އޭނާގެ 50 އަހަރުވީ ދިގު ކެރިއަރގައި 90 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ.