ބެޑްމިންޓަން

ބެޑްމިންޓަން ފިރިހެން ޓީމަށް ރިހި އަދި އަންހެން ޓީމަށް ލޯ މެޑަލް


ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމަށް ރިހި އަދި އަންހެން ޓީމަށް ލޯ މެޑަލް
ލިބިއްޖެއެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ލީގު ބުރުގެ
ފަހު މެޗުގެ ނަތީޖާއަށް އިންތިޒާރުކޮށްގެން ތިބި ރާއްޖޭގެ ޓީމަށް ރިހި މެޑަލް
ލިބުނީ ރީޔޫނިއަންގެ މައްޗަށް މޮރިޝަޝް ކުރި ހޯދުމުންނެވެ. ފިރިހެން ބައިގެ ރަން މެޑަލް
މޮރިޝަން ހޯދިއިރު، ލޯ މެޑަލް ދެ ޓީމަށް ލިބުނެވެ. އެއީ ސީޝެލްސްއާއި
ރީޔޫނިއަންއަށެވެ.

މޮރިޝަޝް ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ
ބެޑްމިންޓަން ޓީމް ބަލިވީ ހަމައެކަނި މޮރިޝަޝް އަތުންނެވެ. ރާއްޖޭގެ އަންހެން
ޓީމަށް ލޯ މެޑަލް ލިބުނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗު
ކާމިޔާބުކޮށްގެންނެވެ. ރާއްޖޭގެ އަންހެން ޓީމާއެކު ރީޔޫނިއަންގެ އަންހެން
ޓީމަށްވެސް ވަނީ ލޯ މެޑަލް ލިބިފައެވެ. އެއީ ދެޓީމް އެއްވަރުވުމުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ކުރިން އޮތީ ދެޓީމަށް
މެޑަލް ނުދޭގޮތަށްކަމަށާއި، އަންހެން ޓީމަށް މެޑަލްއާއި ތިންވަނަ ލިބޭކަން އިނގުނީ
މެޗުތައް ނިމި މެޑަލްދޭން ތައްޔާރުވަމުން ދަނިކޮށްކަމަށެވެ.







އެންމެ
ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރާއްޖޭގެ ބެޑްމިންޓަން ޓީމް
ވަނީ ރިހި މެޑަލް ހޯދާފައެވެ. އެއީ 1979 ވަނަ އަހަރު ރީޔޫނިއަންގައި އޮތް
ގޭމްސްގައެވެ.

މިގޭމްސްގައި ރާއްޖޭގެ އެތްލީޓުން ވަނީ މިހާތަނަށް 6 މެޑަލް ހޯދާފައެވެ. އެއީ އެއް ރަން މެޑައްޔާއި، ދެ ރިހި މެޑައްޔާއި، ތިން ލޯ މެޑެއްޔެވެ.