ޚަބަރު

ކޯވިޑް-19 : ހާލުގައި ޖެހޭ ބިދޭސީންނަށް އެހީވުމަށް ފަންޑެއް ހުޅުވައިފި


ކޯވިޑް-19ގެ ޙާލަތުގައި ހާލުގައި ޖެހޭ ބިދޭސީންނަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓުން ފަންޑެއް ހުޅުވައިފިއެވެ. "މައިގްރެންޓްސް ރިލީފް ފަންޑް"ގެ ނަމުގައި ޤާއިމުކުރި މި ފަންޑަށް މިހާތަނަށް އައިރު އެއް ލައްކަ ނުވަދިހަ ހާސް ރުފިޔާ ވަނީ ލިބިފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ދިވެހި ރެޑްކްރެސެންޓްގެ ރައީސް އަލީ ނަޝީދު ވަނީ، ކޯވިޑް-19ގެ ޙާލަތުގައި ހާލުގައި ޖެހޭ ބިދޭސީންނަށް އެހީވުމަށް ފަންޑެއް ހުޅުވިކަން ހާމަކޮށްފައެވެ. އަލީ ނަޝީދު ވިދާޅުވީ މި ފަންޑަކީ، ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގުތިސާދީ ހީނަރުކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން ފަށާފައިވާ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ޤާއިމުކުރި ފަންޑެއްކަމަށެވެެ. 1 މޭގައި ހުޅުވި މި ފަންޑަށް މިހާތަނަށް އައިރު އެއް ލައްކަ ނުވަ ދިހަ ހާސް ރުފިޔާ ލިބިފައިވާކަން ފާހަގަކުރައްވައި އަލީ ނަޝީދު ވަނީ މިފަންޑަކީ، މިހާރުވެސް ދިވެހި ރެޑް ކްރެސެންޓުން، ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތައް، އިތުރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތަކަށް، އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުވުމުގެ މަގުސަދުގައި ހުޅުވާފައިވާ ފަންޑެއްކަމަށެވެ.

މިފަންޑަށް ފައިސާ ހަދިޔާކުރެއްވުމަށް ދިވެހި ރެޑް ކްރެސެންޓްގެ ވެބްސައިޓްގައިވާ "ޑޮނޭޓް" ބަޓަން ބޭނުންކުރެއްވޭނެކަމަށް އަލީ ނަޝީދު ވިދާޅުވިއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގައިވާ 001-176022-7701 ދިވެހި ރުފިޔާ އެކައުންޓާއި، 002-176022-7701 އެމެރިކާ ޑޮލަރު އެކައުންޓާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގައިވާ 100-55500036-01-9901 ދިވެހި ރުފިޔާ އެކައުންޓާއި، 200-55500036-01-9901 އެމެރިކާ ޑޮލަރު އެކައުންޓަށްވެސް ޖަމާކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފައިސާ ޖަމާކުރައްވާއިރު ރިމާކްސްގައި، "ކޯވިޑް19 މައިގްރަންޓްސް ރިލީފް ފަންޑު" ޖެހުމަށް އަލީ ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ދިވެހި ރެޑް ކްރެސެންޓުން ބިދޭސީންނަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް، ކާނާ ފޯރުކޮށްދިނުމާއި، ކައްކާކެއުމުގެ އިންތިޒާމް ހަމަޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީންނަށް ކާޑާއި އަދި އެނޫންވެސް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމާއި، ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީތަކާއި، އެހެނިހެން ވަގުތީ ހިޔާވަހިތަކަށް ބަދަލުކުރެވިފައިވާ ބިދޭސީންނަށް ސާފުތާހިރުކަން ކަށަވަރުކުރުމަށް ބޭނުންވާ "ހައިޖީން ކިޓް" ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، 74000 އެއްހާ މީހުންނަށް، ސީދާ ގޮތުން އަދި ނުސީދާ ގޮތުން، އެހީ ފޯރުކޮށްދީފައިވާކަމަށް އެމްއާރްސީއިން މައުލޫމާތުދެއެވެ.