ޚަބަރު

ކޯވިޑް-19 : 600 ބިދޭސީން ގުޅީފަޅު ފެސިލިޓީއަށް ބަދަލުކުރަން ފަށައިފި


މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން 600 މީހުން ގުޅީފަޅުގައި ހަދާފައިވާ ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީއެސްއެމް ނިއުސް އިން ކޯވިޑް-19ގެ މަޢުލޫމާތު ދިނުމަށް ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ބަލި މާލޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު މާލޭ ސަރަޙައްދުގައި ކުރާ އެއްމެ މުހިންމު މަސައްކަތަކީ ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބައްޔަށް ހުށައެޅުމުގެ ފުރުޞަތު ބޮޑު ބިދޭސީން އެތަންތަނުން ބަދަލުކުރުންކަމަށެވެ.
އެގޮތުން ހުޅުމާލެއާއި ވިލިވަރު އަދި ތިލަފުށީގައި ބިދޭސީންނަށް ޚާއްސަކޮށްގެން ގިނަ ފެސިލިޓީތަކެއްގެ މަސައްކަތް މިހާރުވެސް ހިންގަމުންދާކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މި މަސައްކަތުގެދަށުން މިހާރުވެސް ހުޅުމާލެއަށްވަނީ 300އަށްވުރެ ގިނަ ބިދޭސީން ބަދަލުކޮށްފައެވެ. ސަރުކާރުން މީގެކުރިން ވިދާޅުވެފައިވަނީ މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ފަސްހާހެއްހާ ބިދޭސީން ބަދަލުކުރަންޖެހޭކަމަށެވެ. އަދި އެމަސައްކަތުގެ ދަށުން ހުޅުމާލޭގައި ހަދާ ފެސިލިޓީތަކުގެ އިތުރަށް، ގުޅީފަޅުގައި 4000އާއި ގާތްކުރާ އަދަދަކަށް ބިދޭސީން ބޭތިއްބޭނެ ފެސިލިޓީދަނީ ތައްޔާތުކުރަމުންކަމަށެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ގުޅީފަޅުގައި ހަދާ ފެސިލިޓީތަކުގެތެރެއިން 600 މީހުންގެ ޖާގައިގެ ފެސިލިޓީގެ މަސައްކަތް މިހާރު ނިންމައި، މީހުން ބަދަލުކުރަން ފަށާފައިވާކަމަށެވެ.

"600މީހުންގެ ފެސިލިޓީއެއް ހަމަޖެހިގެން މިދިޔައީ ރޭގަ. މީހުން ބަދަލުކުރުމުގެ މަސައްކަތް ރޭވަނީ ފަށާފައި. ކޮންމެ ރެއަކުވެސް އެމްއެންޑީއެފާއި ގުޅިގެން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ޖާގަ ހަމަވަންދެން. ހައި ރިސްކް ތަންތަނުގައި އެބައުޅޭ އެއްގެއެއްގައި ސަތޭކަކައެއްހާ ބިދޭސީން."މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިގޮތަށް މީހުން ބަދަލުކުރާއިރު މީހާގެ އަތުގައި ލިޔެކިޔުންތައް ހުރިތޯ ނުބަލާ ކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މި ކުރާ މަސައްކަތާއެކު، ބިދޭސީންނާއި ގުޅުންހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުޅުމާލޭގައިވެސް އެބަ ހަދާ 500އަށްވުރެ ގިނަ މީހުންގެ ފެސިލިޓީއެއް. އެ ފެސިލިޓީގެ މަސައްކަތް ހަފްތާއެއްތެރޭ ނިންމައި މީހުން ބަދަލުކުރެވޭވަރުވާނެ. އަދި ވިލިވަރުގައި ހަދާ ޓެންޓް ފެސިލިޓީ ނިންމައި މިހާރު ކުރަނީ އޭސީ ހަރުކުރުމުގެ މަސައްކަތް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އަނބުރާ ޤައުމަށް ދާން ބޭނުންވާ ބިދޭސީިންނަށް ގޮތްތަކެއް ހަަޖެއްސުމަށް އެ ޤައުމުތަކާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ޕޮސިޓިވްވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް 519މީހުން ޕޮސިޓިވްވެފައިވާއިރު، މީގެ ތެރެއިން 341މީހުންނަކީ ބިދޭސީންނެވެ.

އަދި މި ކޭސްތަކާއި ގުޅިގެން ބިދޭސީން ދިރިއުޅޭ ގިނަ ތަންތަނެއްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.