ވިޔަފާރި

ރާއްޖޭގެ ރަސްމީ ރިޒާރވަށް 49 އިންސައްތައިގެ ކުރިއެރުމެއް


މިއަހަރުގެ ޖޫންމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް 712.2 މިލިއަން ޔޫއެސް ޑޮލަރަށް މައްޗަށް ޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާ %49 އިތުރު އަދަދެކެވެ.މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ އިޤްތިސާދީ ރިވިއު ރިޕޯޓްގައިވާ ގޮތުން ފާއިތުވި ޖޫން މަސް ނިމުނު އިރު ރަސްމީ ރިޒަރވްގެ ތެރެއިން ޔޫޒަބަލް ރިޒަރވް ނުވަތަ ބޭރު ފައިސާގެ އެކިއެކި މުޢާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުން ކުރުމަށް ހުންނަ ފައިސާގެ އަދަދުގެ ގޮތުގައި ހުރީ 234.9 މިލިއަން ޔޫއެސް ޑޮލަރެވެ. ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރި އަދަދަކީ މަހުން މަހަށް ބަލާއިރު %2 އިތުރު އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު %67 އިތުރު އަދަދެއް ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ހުރި މިންވަރުން ފުދެނީ 4.3 މަހުގެ އިމްޕޯޓަށެވެ. މަހުން މަހަށް ބަލާއިރު އަދި އަހަރުން އަހަރަށް ބަލާއިރުވެސް މި އަދަދު ވަނީ އިތުރުވެފައިކަމަށް އެމްއެމްއިން ބުނެއެވެ.