ޚަބަރު

ބަލިމީހުންނަަށް ބޭނުންވާ އޮކްސިޖަން ސްޕަލައި އެބަހުރި، ދަތިކަމެއް ނާންނާނެ - އައިޖީއެމްއެޗް


ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ އޮކްސިޖަން ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އައިޖީއެމްއެޗުގެ ޑިރެކްޓަރ އޮފް މެޑިކަލްސް ޑރ.އަލީ ނަޒީމް ވިދާޅުވީ އޮކްސިޖަންއަކީ ކޯވިޑްގައި ޙާލު ބޮޑުވާމީހުންނަށް ދޭ ފަރުވާގެ އެންމެ މުހިންމު ބައި ކަމަށެވެ. އެހެންކަމުން އެންމެ ގިނައިން މީހުން އެޑްމިޓް ކުރަން ޖެހޭނެކަމަށް ލަފާކުރާ އަދަދުތަކަށް ބަލައިގެން އޮކްސިޖަން ސަޕްލައި އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން ބެލިއިރު މުޅި ރާއްޖޭގައި 4100އޮކްސިޖަން ފުޅި ރޯލްވާން ޖެހޭ. ޕީކަށްދާއިރު އޮކްސިޖަން ދޭންޖެހޭނެކަމަށް ލަފާކުރެވެނީ 1000މީހުންނަށް. އެހެންވީމާ 1000 ފުޅި ފަރުވާ ދިނުމަށް، 1000 ފުޅި ފިލިނގްގައި އަދި، ފިލް ކުރުމަށާއި ފިލް ކޮށްގެން ގެނައުމުގެ ދަތުރުމަތީ 1000ފުޅި ގެންގުޅެންޖެހޭނެކަމަށް ބެލީ. ބޭނުންވާ މިންވަރަށް އޮކްސިޖަން ހުންނާނެ." ޑރ.އަލީ ނަޒީމް ވިދާޅުވިއެވެ.

ބަލިމީހުން ބޭނުންކުރާ އޮކްސިޖަން ގޭސް މިހާރު ހޯދަނީ މޯލްޑިވް ގޭސް މެދުވެރިކޮށާއި އައިޖީއެމްއެޗްގައި ހުންނަ އޮކްސިޖަން ކޮމްޕްރެސްކުރާ ޕްލާންޓުންނެވެ. އަދި މިހާރު ކޮވިޑަށް ބޭސްކުރާ މައި ހޮސްޕިޓަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޓްރީޓޮޕްގައި ބޭނުންކުރަނީ ޖަންބޯ ސިލިންޑަރުގައި އޮކްސިޖަން ހޮސްޕިޓަލަށް ސަޕްލައިކޮށްގެނެނެވެ.

"މިހާރުވެސް ކެޕޭސިޓީ އެބަހުރި ދަތިނުވެ ފަރުވާ ދިނުމަށް ބޭނުންވާ މިންވަރަށް. ދަރުމަވަންތައިގެ 23ފަންގިފިލާގައި ހުރި 55 އެންދަށް ވާވަރަށް އެބަހުރި. މިހާރު ފަރުވާދެނީ 6ނޫނީ 8 ޕޭޝަންޓުންނަށް އެއްފަހަރާ. ޓްރީޓޮޕްގައިވެސް އައިސީޔޫ ފުލް ކެޕޭސިޓީއަކަށް އަދި ބޭނުމެއް ނުކުރެ. ނަމަވެސް މިދަނީ މި ސަޕްލައިވެސް އިތުރުކުރަމުން." ޑޮކްޓަރ ޢަލީ ނަޒީމް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ބޭނުންވާ ފަރުވާތައް ދިނުމަށް ބޭނުންވާ މެޝިނަރީއާއި، ބޭނުންވާ ތަކެތި އިތުރުކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރަށް މި ކަމަށް ބޭނުންވާ މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.