ޚަބަރު

ކޯވިޑް-19 : ޗައިނާގެ ކުންފުނިތަކާއި، ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކުރި ސިއްޙީ ސާމާނު ރާއްޖެ ގެނެސްފި


ޗައިނާގެ ކުންފުނިތަކާއި، ހެޔޮއެދޭ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކުރި ސިއްޙީ ސާމާނު ރާއްޖެ ގެނެސްފިއެވެ. މީގެ ކުރިންވެސް ޗައިނާ ސަރުކާރުން ރާއްޖެއަށް ސިއްޙީ ސާމާނުތަކެއް ހަދިޔާކޮށްފައިވެއެވެ.

ޗައިނާގެ ކުންފުނިތަކާއި، ހެޔޮ އެދޭ ފަރާތްތަކުން ރާއްޖެއަށް ސިއްޙީ ސާމާނު ހަދިޔާކުރުމާއި ގުޅިގެން ފޮރިން މިިނިސްޓަރ ޢަބްދުﷲ ޝާހިދު ނެރުއްވި ބަޔާނެއްގައި، އެމަނިކުފާނުވަނީ ޗައިނާއަކީ ރާއްޖެ ހާލުގައި ޖެހޭ ކޮންމެ ވަގުތެއްގައިމެ އިސްވެ އެހީވާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު އެވަގުތައް އެންމެ ބޭނުންވި ސިއްޙީ ސާމާނު, އެ ދަނޑިވަޅުގައި ވަގުތުން ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެ އެހީ ފޯރުކޮށްދިންތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މި ބަލިމަޑުކަމުން ދިފާޢު ވުމަށް ބޭނުންވާ ސިއްހީ އިތުރު އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ފޯރުކޮށްދިން ކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޗައިނާއިން މިފަހަރު ފޮނުވި އެހީގެ ތެރޭގައި ހިމެނެނީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ފޮނުވި ހިލޭ އެހީގެ ސާމާނާއި، ދުނިޔޭގެ މަގުބޫލު ޗައިނީސް އެހީދޭ ޖަމްޢިއްޔާތަކާއި, ކުންފުނިތަކާއި އަދި ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރަމުންދާ ޗައިނާގެ ބައެއް ކުންފުނިތަކުން ދިން އެހީތަކެވެ.

ޗައިނާއިން މިފަހަރު ދިން އެހީގެ ސާމާނުގައި ހިމެނެނީ، 2 ލައްކަ ނުވަދިހަ ހާސް އަށްޑިހަ ޑިސްޕޯސަބަލް ޕްރޮޓެކްޓިވް މާސްކާއި، އެގާރަ ހާސް ފައްސަތޭކަ އެން ނައިންޓީފައިވް ޕްރޮޓެކްޓިވް މާސްކާއި، ވިހި ހާސް ކޭ ނައިންޓީފައިވް ޕްރޮޓެކްޓިވް މާސްކެވެ. މީގެ އިތުރުން 50 އިންފްރާރެޑް ތާމޯ މީޓަރާއި، 500 ގޮގުލް، 250 މެޑިކަލް ޕްރޮޓެކްޓިވް ގައުން އަދި، 20 ކެއަރ ބެޑެވެ. އަދި ހަމަމިއާއެކު 10 ހާސް ޓެސްޓް ކިޓައި، 10 ވެންޓިލޭޓަރު އަދިހަ ހާސް ސާމްޕލްންގް ކިޓް އަދި 10 ހާސް ޑިޓެކްޝަން ރީ އޭޖެންޓް އެކްސްޓްރެކްޓެންޓް މިފަހަރު ވަނި ގެނެސްފައެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުވީޓް

ޗައިނާގެ ކުންފުނިތަކުން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން ދިވެހި ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ވަނީ އެހީތެރިވާން ފަށާފައެވެ.