ޚަބަރު

ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން މާލެއިން ބޭރުގެ ފެސިލިޓީތަކަށް ބަދަލުކުރަނީ


ކޯވިޑް-19ގެ ނުރައްކަލަށް ހުށައެޅިފައިވާ ބިދޭސީން މާލެއިން ބޭރުގައި ތައްޔާރުކޮށްފައިވާ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މިރޭ ފަށާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން މާލެނޫން އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި ސަރުކާރުންވަނީ ގުޅީފަޅުގައި 3000 އާއި 4000 ދެމެދުގެ އަދަދަކަށް މީހުން ބައިތިއްބުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ މިއަދު ގުޅީ ފަޅަށް ވަޑައިގެން އެތަނުގައި ބިދޭސީން ބައިތިއްބުމަށް ހަދާ ތަންތަން ބައްލަވާލައްވާފައެވެެ.

މިމަސައްކަތާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އޮތް އެންމެ ބޮޑުއެއް ގޮންޖެހުމަކީ ޒަމާންތަކެއް ވަންދެން ހައްލުނުކުރެވިއޮތް ބިދޭސީންގެ މައްސަލަކަަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ އެމީހުން ދިރިއުޅޭ ދަތި ތަންތަނުންނެރެ، ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ސަރުކާރަށް ބުރަބޮޑުނަމަވެސް އިސްކަމެއް ދީގެން ކުރަމުންގެންދާ މުހިއްމު މަސައްކަތެއްކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ނުރައްކަލައް ހުށައެޅިފައިވާ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މިރޭ ފެށޭނެކަމަށާއި، ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އެކަން ކާމިޔާބުކުރެވޭނެކަމުގެ އުންމީދުއެބައޮތްކަމަށެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު، މިބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައިކަމަށްވާތީ ނުރައްކަލަށް ހުށައެޅިފައިވާ ބިދޭސީން މިއަދުންފެށިގެން އެކި ތަންތަނުގައި ކަރަންޓީނުކުރުމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަލްލިކް ހެލްތު މިއަދުވަނީ އަންގަވާފައެވެ.

ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވީ 491 އެއްމީހުންގެ ތެރެއިން 334 މީހުންނަކީ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެއީ ޕޮޒިޓިވްވި މީހުންގެ %68.02 އެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ %53.16 ހިއްސާކުރުރަނީ އެޤައުމުގެ މީހުންނެވެ.