ވިޔަފާރި

"ވިވާހާ ބްރައިޑަލް ފެއަރ" ގައި ރާއްޖޭން ބައިވެރިވެއްޖެ


އިންޑިއާގައި
ބާއްވާ އެންމެ ބޮޑު ވެޑިންގް ފެއަރ ކަމުގައިވާ " ވިވާހާ ބްރައިޑަލް
ފެއަރ" ގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.



މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އިން ބުނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ މަހުގެ 31
އިން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ފެއާރގައި އެމްއެމްޕީއާރުސީއާއި
އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހަތަރު ފަރާތަކުން
ބައިވެރިވެފައިވާ ކަމަށެވެ.



މި ފެއަރ އަށް
ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް ކައިވެެނިކުރަން ތައްޔާރުވަމުންދާ
ފަރާތްތަކުން ޒިޔާރަތްކުރޭ، އަދި މި ފެއަރގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން
އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ
ކަމަށް އެމްއެމްޕީއާރުސީއިން ދެކެއެވެ.



ރާއްޖެއަށް
ޒިޔާރަތްކުރާ ފަތުރުވެރިންގެ ހަތަރެއް އިންސައްތަ ހިއްސާކުރަނީ އިންޑިއާ
ފަތުރުވެރިންނެވެ.