ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލް ކޯވިޑް-19އަށް ޚާއްޞަ ކުރަނީ 100 އައިސީޔޫ އެނދާއެކު


މާދަމާއިން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރާނީ ކޮވިޑް-19އަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައިކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑިރެކްޓަރ އޮފް މެޑިކަލްސް ޑރ. އަލީ ނަޒީމް ވިދާޅުވީ ބަލިމީހުން އިތުރުވާނަމަ އައިސީޔޫގެ ދަތިކަން އައިޖީއެމްއެޗަށް އެބައޮތްކަމަށެވެ. އަދި މިވަގުތުވެސް އައިސީޔޫގައި ހުރި ގިނަ އެނދުތަކެއް ބޭނުންކުރަމުންދާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

އިންޓެންސިވް ކެއަރގެ ގޮތުގައި އައިޖީއެމްއެޗްގައި މިވަގުތު ބޭނުންކުރަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި 10 އެނދާއި، 16ވަނަ ފަންގިފިލާގައި މާބަންޑު މީހުންނަށް ޚާއްސަކޮށްފައިވާ އެނދާއި، އެ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއިން 10 ވަނަ ފަންގިފިލާއަށް ބަދަލުކުރާ މީހުންގެ އިތުރަށް، އެމަޖެންސީގައި ގެންނަ މީހުންނަށް ޚާއްސަ އައިސީޔޫ ޚިދުމަތެވެ. ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން މިވަގުތު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 6 މީހުންނަށެވެ.

ޑރ.ނަޒީމް ވިދާޅުވީ އައިޖީއެމްއެޗުގައި މިވަގުތު ތިބި ކޯވިޑުގެ ބަލި މީހުން ބައިތިއްބާނީ އައިޖީއެމްއެޗުގައިކަމަށެވެ. ނަމަވެސް އިތުރު މީހުން އައިސީޔޫއަށް ލާންޖެހޭނަމަ، އެމީހުން އެޑްމިޓް ކުރާނީ ޓްރީޓޮޕްގައިކަމަށެވެ. އަދި ޓްރީޓޮޕްގައި ހުރި ފެސިލިޓީތަށް ބޭނުންކުރާނީ އެކި ފޭސްތަކަށް ބަހާލައިގެންކަމަށެވެ.

"ޓްރީޓޮޕްގެ އޮޕަރޭޝަން ކެޕޭސިޓީއަކީ 100 އައިސީޔޫ ބެޑް. 60 ޖެނެރަލް ބެޑް. ވަރަށް ގިނަ މީހުން ބަލިވީމަ މިވަރަށް ދާނީ. އަޅުގަނޑުމެންގެ މިހާރު އަންދަޒާއަކީ މިހާރު މި ހުރިވަރުން އިނީޝިއަލް ފޭސްގައި 15 އައިސީޔޫ ބެޑާއި، 30 ޖެނެރަލް ބެޑުން ޚިދުމަތް ދެވޭނެކަަމަށް." ޑރ.އަލީ ނަޒީމް ވިދާޅުވިއެވެ.

ޑރ.އަލީ ނަޒީމް ވިދާޅުވީ ފުރަތަމަ ފޭސްގައި މަސައްކަތްކުރާނީ ޓްރީޓޮޕްގައި އެޑްމިޓްކުރާމީހުންނަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި މުޢައްޒަފުން ފަރުވާދޭގޮތަށްކަމަށެވެ. ނަމަވެސް ބަލި މީހުން އިތުރުވާ ވަރަކަށް އައިޖީޢެމްއެޗްގެ ޑޮކްޓަރުން އެ ހޮސްޕިޓަލްގައި މަސައްކަށް ފަށާނެކަމަށެވެ. ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާ މިންވަރުން ޓްރީޓޮޕަށް ދާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ބަލި ޖެހުނު ގިނަ މީހުންގެ ޙާލު ރަނގަޅެވެ. އަދި އެމީހުންނަށް ފަރުވާދެނީ އައިސޮލޭޝަން ފެސިލިޓިތަކުގައި ބައިތިއްބައިގެންނެވެ.

"ވެލިދޫގަައި 212 ޕޮސިޓިވް ޕޭޝަންޓުން އެބަތިބި. ކުޑަބަނޑޮހުގައި 38މީހުން، ފަރުކޮޅުގައި 23މީހުން، އެޗްއައިއެޗްގައި 61ޕޯސިޓިވް، 24ނެގެޓިވް އަދި 19 ހައިިސްކް މީހުން އެބަތިބި." ޑރ.ނަޒީމް ވިދާޅުވިއެވެ.

ޓްރީޓޮޕް ކޮވިޑް-19އަށް ޚާއްސަ ހޮސްޕިޓަލަކަށް ބަދަލުކުރުމުން، އެ ހޮސްޕިޓަލްގައި ކުރިން ފަރުވާ ހޯދަމުންދިޔަ މީހުން މިހާރުވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށް ފަރުވާދޭން ފަށާފައެވެ. އެ ހޮސްޕިޓަލުންވަނީ ހޮސްޕިޓަލްގެ އީ.އާރް ޚިދުމަތްތައް ހުއްޓާލާފައެވެ.
ޓްރީޓޮޕްއން ބުނެފައިވަނީ އެ ހޮސްޕިޓަލްގެ ޚިދުމަތް ބޭނުންވާ މީހުންނަށް، ހުޅުމާލޭ ހޮސްޕިޓަލްގައި ހަދާ އެ ހޮސްޕިޓަލްގެ ވަގުތީ އެމަޖެންސީ ކްލިނިކަށް ޑޮކްޓަރަށް ދެއްކޭނެކަމަށެވެ.