ޚަބަރު

ކޯވިޑް-19 : "މި ހަނގުރާމަ ކާމިޔާބުވާނީ ސަރަހައްދީ ޤައުމުތައް ގުޅިގެން އެކުލަވާލާ ހަރުދަނާ ނިޒާމަކުން"


ސަރަހައްދީ ޤައުމުތައް ގުޅިގެން އެކުލަވާލާ ހަރުދަނާ ނިޒާމަކުން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންމިދާ "ހަނގުރާމަ" ކާމިޔާބު ކުރެވޭނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝާހިދު ވަނީ މި ދަނޑިވަޅަކީ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްވަރުކަން ފާހަގަކުރައްވާފައެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރާއްޖެއަށް ކޯވިޑް-19ގެ އަސަރު ކުރާގޮތާއި، މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމަކަށް އޮތް ނުރައްކާ މާބޮޑުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އެހެންމަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް މި ލޮޅުމުގެ އަސަރު ކުރާލެއް ކުޑަކުރުމައްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަމުންދާކަން މިނިސްޓަރ ޝަހިދު ފާހަގަކުރެއްވިއެވެ. އެގޮތުން ޤައުމުގެ ކޭޝް ފްލޯ ހިފެހެއްޓުމާއި، ވިޔަފާރިތަކަށް އެހީވުމަށް ސްޓިމިއުލަސް ޕެކޭޖްތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

"ދަ ހިންދޫ"އަށް އީމެއިލް މެދުވެރިކޮށް ދެއްވި މި އިންޓަވިއުގައި ރާއްޖެއިން ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅިފިޔަވަޅުތަކާއި، މިހާރު މާލެ ސިޓީގައި މުޖުތަމަޢަށް ފެތުރޭ ޙާލަތުގައި ކޯވިޑް-19 އޮތް އިރު މިދަނޑިވަޅގައި އަޅަމުންދަ ފިޔަވަޅުތަކުގެ ތަފްސީލު ހިއްސާކުރެއްވިއެވެ. ރާއްޖޭގައި ބިދޭސީންނަށް ބަލި ޖެހޭ މިންވަރު އިތުރު އިރު އެމީހުންނަށްވެސް ފަރުވާ ދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަޤީކން މިނިސްޓަރ ޝާހިދު ދެއްވިއެވެ. މި ދަނޑިވަޅުގައި ދަރަނި އިތުރުވިކަމުގައިވިޔަސް، މި ދަރަނި އަނބުރާ ދެއްކުމަށް އެކަށޭނަ ނިޒާމެއް ޤާއިމުކޮށް ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދެއްވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިއިންޓަރވިއުގައި މިނިސްޓަރުވަނީ، ސަރަހައްދީ ޤައުމުތައް ގުޅިގެން އެކުލަވާލާ ހަރުދަނާ ނިޒާމެއް ބޭނުންކޮށްގެން ކޯވިޑް-19އާއި ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ޤައުމެއް ގުޅިގެން ވަޒީފާ އުފެއްދުމާއި، ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ސާކް ޤައުމުތަކުގެ ޞިއްޙީ ދާއިރާގެ އިސްބޭފުޅުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެތައް ފަހަރެއްގެ މަތިން މަޝްވަރާވެސް ކުރައްވާފައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސާކްގެ 8 ޤައުމުގެ ޞިއްޙީ ދާއިރާގެ އިސްބޭފުޅުންވަނީ ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުގެ މިވަގުތުގެ ޙާލަތާއި މިޙާތަލުން އަރައި ގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.