ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި ކުޑަކުދިންގެ ޙާލު ރަނގަޅު - ޑރ.ފައިސަލް


ރާއްޖޭގައި ކޯވިޑް ނަވާރައަށް މިހާތަނަށް ޕޮޒިޓިވްވި 15 ކުދިންގެ ޙާލު ރަނގަޅުކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާތަނަށް ބަލިޖެހިފައިވަނީ 15 ކުދިންނަށްކަމަށެވެ. އަދި އޭގެތެރެއިން 40 އިންސައްތަ ކުދިންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަން ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންގެ ހުމުގެ ޢަލާމާތް ހުރިއިރު 20 އިންސައްތަ ކުދިންނަށް ކެއްސުމުގެ ޢަލާމާތް ހުރިކަމަށް ޑރ. ވިދާޅުވިއެވެ. އަދި 13 އިންސައްތަ ކުދިންގެ ކަރުގައި ރިއްސާކަމަށާއި އެއް އިންސައްތަ ކުދިންނަށް ރަހަނުލުމާއި ވަސް ނުދުވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ތަފާސްހިސާބަށް ބަލާއިރު ކޯވިޑްގެ ނުރައްކާ ބޮޑަށް އޮތީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށްކަމަށް ކުރިން ބެލެވުނު ނަމަވެސް މިވައިރަސްގެ އަސަރު ކުޑަކުދިންގެ މެދުގައިވެސް ބޮޑުކަމަށް ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން ކުޑަކުދިން ވީހާވެސް ބޮޑަށް ވައިރަހުން ރައްކާތެރިވެވޭނެ ފަދަ ދިރިއުޅުމުގެ އާދަކާދައަށް ހޭނުމަށް ސިއްޙީ މާހިރުން ގެންދަވަނީ އިރުޝާދުދެއްވަމުންނެވެ.