ޚަބަރު

ކޯވިޑް-19 : "އުފައްދާ ވެކްސިނަކީ އަހަރަކުން އެއް ފަހަރު ޖަހަންޖެހޭ އެއްޗެއްކަމަށް ބެލެވޭ"


ކޯވިޑް-19އަށް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާ ވެކްސިނަކީ ކޮންމެ އަހަރަކުން އެއް ފަހަރު ޖަހަންޖެހޭނެ އެއްޗެއްކަމަށް ބެލެވޭކަމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ޢަލާމާތެއް ނެތި ބަލިޖެހޭ މީހުންގެ ނިސްބަތް މިހާރު އިތުރުވެފައި ވާކަން ފާހަގަ ކުރައްވާފައެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން %41 މީހުންގެ ކިބައިން ބަލީގެ ޢަލާމަތް ނުފެންނަކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިބަލީގެ އަލާމަތް ނުހުންނަ މީހުންނަކީ އަލާމާތްތައް ފެންނަ މީހުންނާ އަޅާބަލާއިރު ބަލިޖެއްސުމުގެ ފުރުސަތު ކުޑަ ބައެއްކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ. ޑރ.އަފްޒަލް ވަނީ މި ޢަދަދު އިތުރުވާނަމަ މިހާތަނަށް ފަރުވާއެއް ހޯދިފައިނެތް މި ބަލިން ރައްކާތެރިވުމަށް ގިނަ ޢަދަދެއްގެ މީހުންގެ ދިފާޢީ ނިޒާމު ވަރުގަދަވެ އިމިއުނިޓީ އިތުރުވެގެން ދާނެކަމަށް ވިދާޅުވެފައެވެ.

މިހާރު މިފަދަ ޙާލަތަކަށް ދާން މުޅިމުޖުތަމަޢު ހުޅުވާނުލެވެނީ ދިވެހިރާއްޖޭގައި ބަލީގެ ސަބަބުން އަހުލުވެރިވާންޖެހޭ އާދަތަކަށް އަހުލުވެރި ނުވާތީކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އެގޮތުން މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް މިބަލިން ރައްކާތެރިވުމަށް އިޖުތިމާޢީ ގައިދުރުކަން އިތުރުކޮށް އާންމު ދިރިއުޅުމަށް އެނބުރި ރުޖޫޢާވާއިރުވެސް މިހާރު އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުން މުހިންމުކަން ޑރ.ފާހަގަކުރެއްވިއެވެ.

"އެސިމްޓަމެޓިކް މީހުންގެ ޢަދަދު މިދަނީ އިތުރުވަމުން. އެގޮތުން %41ގައ މި އަދަދު މިފެންނަނީ. ސިމްޓަމެޓިކް މީހުންގެ ނިސްބަތަކީ %59. އެސިމްޓަމެޓިކް އިތުރުވާނަމަ ބަލިޖެހިފައި ހުންނަކަން ދެނެގަންނަން އުނދަގޫ ވާނެ. އެހެންނަމަވެސް މިކަމުގެ ސަބަބުން މުޖުތަމަޢު މިކަމަށް އިމިއުނިޓީ އިތުރުވާނެ"

ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ބަލި ދެވަނަ ފަހަރަށް ޖެހުމުގެ ފުރުސަތުވެސް އޮތްކަން ފާހަގަކުރައްވައި ޑރ.އަފްޒަލް ވިދާޅުވީ މިބަލިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. އެގޮތުން އިންފްލުއެންޒާ ހުން ފަދައިން ކޯވިޑް-19އަކީވެސް އެކި ފަހަރު އެކި ސްޓްރެއިންތަކުން ފެތުރޭ ބައްޔެއްކަމަށް މިހާރު ބެލެވޭކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. މި ސަބަބައްޓަކައި ކޯވިޑް-19އަށް ތައްޔާރުކުރެވޭނީ ކޮންމެ އަހަރަކުން އެއް ފަހަރު ޖަހަންޖެހޭ ވެކްސިންއެއްކަމަށް ބެލެވޭކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން ދަނީ ކޯވިޑް-19އަށް ފަރުވާއެއް ހޯދުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންންވެ. އެގޮތުން ޗައިނާ، އެމެރިކާ، ޔޫއޭއީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.