ޚަބަރު

ކޯވިޑް-19 : ކޯވިޑް ވިލެޖުގެ މަސައްކަތުގައި ކަރަންޓީންގައި ތިބި ސިފައިން


ކޯވިޑް ވިލެޖް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ކަރަންޓީންގައި ތިބި ސިފައިންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް ވިލެޖުގެ މަސައްކަތްތާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް ވިލެޖުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. އަދި ކޮންމެ ޙާލަތެއްގައިވެސް ޤައުމަށް ބޭނުންވާ ޚިދުމަތްތައް ކޮށްދިނުމުގައި ދެމިތިބޭނެކަމަށް މިކަމުގައި ޙަރަކާތްތެރިވާ ސިފައިންގެ އޮފިސަރުން ވިދާޅުވެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ކޯވިޑް ވިލެޖްގެ މަސައްކަތަކީ މުޅި ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ވަސީލަތަކަށް ވާއިރު މި މަސައްކަތުގައި ފަސްނުޖެހޭނެކަމަށް ސިފައިން ވިދާޅުވެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވަނީ މި ދަނޑިވަޅުގައި ކޯވިޑް ވިލެޖްގައި ބައްޔަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކު ނެތްކަމަށްވެސް ވިދާޅުވެފައެވެ. ކޯވިޑް ވިލެޖް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕޮޒިޓިވްވި ކޭސްތަކާއި ކޮންޓެކްޓްވެ ކަރަންޓީންގައި ތިބި ސިފައިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް ވިލެޖުގައި މަސައްކަތްކުރި ފަރާތްތަކުގެ ތެރެއިން ސިފައިންގެ 14 އޮފިސަރަކަށް ބަލި ޖެހުމާ ގުޅިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ކޯވިޑް ވިލެޖްގައި، އިތުރު އެކޮމަޑޭޝަން ބްލޮކަކާއި ސަރވިސް ބިލްޑިންގްއެއް ހުންނާނެެއެވެ. އެކޮމޮޑޭޝަން ބްލޮކްގައި މިފެސިލިޓީގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްޙީ މާހިރުން ތިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ސަރވިސް އިމާރާތުގައި ބަދިގެއާއި، ކުނި މެނޭޖްކުރާ ޔުނިޓް އަދި ލޯންޑްރީވެސް ހުންނާނެއެވެ. މި ފެސިލިޓީ ތަރައްޤީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.

ކޯވިޑް ވިލެޖް ތަރައްޤީކުރުމުގެ މަސައްކަތް ކަރަންޓީންގައި ތިބި ސިފައިން ކުރަމުންދާއިރު، މިހާތަނަށް އައިރު އެކި މަސައްކަތްތަކުގައި ކުރީ ސަފުގައި އުޅުނު ސިފައިންގެ 20 އޮފިސަރަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. ނަމަވެސް މިހާލަތުގައިވެސް ސިފައިން ދަނީ ޤައުމީ ޚިދުމަތުގައި ފަހަތަށް ނުޖެހި މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތަކުގައްޔާއި ރައްޔިތުނަށް ބޭނުންވާ ޒަރޫރީ ސާމާނު ގެތަކަށް ޑެލިވަރީ ކުރުމަށްވެސް ސިފައިން ދަނީ އެންމެ ކުރީސަފުގައި ފުރާނަ އަތް މައްޗަށް ލައިގެން އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ. ސިފައިންނެކޭ އެއްފަދައިން ޤައުމުގެ އަމާންކަން ބެލެހެއްޓުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ދިވެހި ފުލުހުންވެސް ދަނީ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވަމުންނެވެ.