ޚަބަރު

ކޯވިޑް-19: ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރުމުގެ ތައްޔާރީތައް ފަށައިފި


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުން ހިންގާ އޮޕަރޭޝަންގައި ބޭނުންކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލު ސަރުކާރާ ހަވާލުކުރުމުގެ ތައްޔާރީތައް އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ފައްޓަވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޯވިޑް-19 އޮޕަރޭޝަންގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް އެހޮސްޕިޓަލް ސަރުކާރާއި ހަވާލުކުރަން މީގެ ކުރިންވެސް ނިންމާފައިވާކަމަށާއި، އެއާއެކު ސަރުކާރާއި ޓްރީޓޮޕް ހޮސްޕިޓަލާއެކު ކުރެވުނު މަޝްވަރާގައި ބޭނުންޖެހިއްޖެ ހިނދެއްގައި ސަރުކާރަށް އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވާކަމަށެވެ.

މިއެއްބަސް ވުމުގެ ދަށުން މިވަގުތަށް 3 މަސްދުވަހަށް އެ ހޮސްޕިޓަލު ބޭނުންކުރުމަށް ސަރުކާރުން ތަނުގެ މެނޭޖްމަންޓްގައި އެދިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ތަން ހަވާލުކުރުމުގެ އިންތިޒާމްތައް އެހޮސްޕިޓަލުން ފަށާފައިވާކަމަށާއި، މިހާރު އެތަނުގައި މިވަގުތު ފަރުވާދެމުންދާ މީހުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރިވެގެންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް މިހާރުވަނީ އެދިވަޑައިގެންފައި. އަދި މިކަމާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން މިހާރުދަނީ އިންތިޒާމުތައް ހަމަޖައްސަމުން. މިކަމާގުޅޭ އެނައުންސްމަންޓެއް އެބޭފުޅުން މާދަމާ ނެރުއްވާނެ މިކަމާއި ގުޅިގެން އެބޭފުންގެ ޚިދުމަތްތައް ކުރިއަށްގެންދާނެ ގޮތާއި ގުޅޭގޮތުން" މަބްރޫކް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ އަމިއްލަ ފަރާތަކުން ރާއްޖޭގެ ސިއްޙީދާއިރާ ފުޅާކުރުމަށް ހިންގި އެންމެބޮޑު އެއް އިންވެސްޓްމަންޓެވެ. ރާއްޖޭގައި ފުރަތަމަ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލުގެގޮތުގައި ހުޅުމާލޭގައި ތަރައްޤީކުރި ޓްރީޓޮޕް ހޮސްޕިޓަލަކީ އަށްޑިހަ މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ މި ސަރަހައްދުގެ އެންމެ ފެންވަރުރަގަޅު ހޮސްޕިޓާތަކާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ދެމުންގެންދާ ހޮސްޕިޓަލެކެވެ.

ކޯވިޑް-19 ގެ އޮޕަރޭޝަންގައި މިހާތަނަށް އިތުރަށް ފަރުވާދޭންޖެހޭ މީހުންން އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މިބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ރާއްޖޭގެ އުތުރުރާއި ދެކުނުގައި އިންތިޒާމްތައް ހަމަޖައްސަމުންދާއިރު، މިބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުރި އިމާރާތް 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތަށް ތަރައްޤީކޮށް މިހާރުވަނީ ނިމިފައެވެ.