ޚަބަރު

ކޯވިޑް-19ގެ އާލާސްކަންފުޅާއެކު ރަޝިޔާގެ ބޮޑުވަޒީރު މަޤާމާ ދުރަށް


ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ވަގުތީގޮތުން މަޤާމުގެ މަސްޢޫލިއްޔަތުން އެއްފަރާތްވެވަޑައިގެންފިއެވެ.

54 އަހަރުގެ މިޝުސްޓިނަކީ ރަޝިޔާގައި ކޯވިޑް-19 ފެތުރުނަނުދިނުމަށް ކުރާ މަސައްކަތުގައި އިސް ދަޢުރެއް އަދާކުރައްވާ ބޭފުޅެކެވެ. މިިދިޔަ ޖެނުއަރީ މަހު ބޮޑުވަޒީރުގެ މަޤާމަށް އައްޔަނުކުރެވުނު މިޝުސްޓިންވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާ ވީޑިއޯ މެދުވެރިކޮށް ގުޅުއްވާ، އޭނާއަށް ކޯވިޑް-19 ޖެހިވަޑައިގެންފައިވާކަން އަންގަވާފައެވެ. އަދި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އެކަހެރިވެވަޑައިގަންނަވަންޖެހޭކަން އަންގަވާ، ކަރަންޓީނުގައި ހުންނަވާ ދުވަސްތަކުގައި އޭނާގެ މަސްޢޫލިއްޔަތުތައް ބޮޑުވަޒީރުގެ ނައިބު އަންދްރޭ ބެލޫސޮފްއާ ޙަވާލުކުރެއްމަށްވަނީ ހުށަހަޅުއްވާފައެވެ. އެހުށަހެޅުން ރައީސް ޕުޓިންވަނީ ޤަބޫލުކުރައްވާފައެވެ.

ރަޝިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 114,431އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެޤައުމުގައި 7،933 މީހުންނަށްވަނީ ބަލިޖެހިފައެވެ. ބަލިމަޑުކަމުގެ ސަބަބުން އެޤައުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 1،169އަށް އިތުރުވެފައެވެ.