ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ ތެރެއިން 1 މިލިއަން މީހުން ރަނގަޅުވެއްޖެ


ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 1 މިލިއަނަށް ވުރެ ގިނަ މީހުން މިބަލިން ރަނގަޅުވެއްޖެއެވެ.

ޖޯން ހޮޕްކިންސް ޔުނިވާރސިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ވައިރަސްއިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 1 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

210 ޤައުމާއި ސަރަޙައްދަކަށް މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު މަރުވި މީހުންގެ އަދަދު އުޅެނީ 230 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ނަމަވެސް މިވައިރަސްއިން 1 މިލިއަން މީހުން ރަނގަޅުވުމުގެ މާނައަކީ ބަލިން މަރުވި މީހުންނަށްވުރެ ރަގަނޅުވި ،މީހުން ހަތަރު ގުނަ މަތިވެފައިވާކަމެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވައިރަސްއިން ރަނގަޅުވި މީހުންގެ އަސްލު އަދަދު މިލިއަނަަކަށްވުރެ އިތުރުވެެސް ވެދާނެއެވެ. އެއީ ރިޕޯޓްކުރުމާއި ތަފާސް ހިސާބުތައް އެއްކުރުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ޖުމްލަ އަދަދު ކަށަވަރު ނުވާތީއެވެ.

ޑިސެމްބަރުމަހު ޗައިނާގެ ވޫހާންއިން ފެތުރެންފެށި ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރިިފައިވާއިރު، މިވައިރަސްއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތްވެސް ދަނީ ބާރު ސްޕީޑްގައި ގިނަ ފަރާތްތަކަކުން ކުރަމުންނެވެ. މިމަސައްކަތުގައި ބައެއް ފަރާތްތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ސެޕްޓެމްބަރު މަހާއި ހަމައަށްދާއިރު ވެކްސިނެއް އުފެއްދޭނެކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.