ޚަބަރު

ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭހެން 50 ކޮންޓެއިނަރު ކްލިއަރކޮށްފިން - އެމްޕީޢެލް


ކާބޯތަކެއްޗާއި ބޭހާއި ޒަރޫރީ ތަކެތި ހިމެނޭހެން ފަންސާހަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ނެރެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބުނެފިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެމްޕީއެލްއިން މިވަގުތު އިސްކަންދީގެން ނެރެނީ ކާބޯތަކެއްޗާއި ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗެކެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ލޮކްޑައުންއާއި ދިމާކޮށް އައި ހުރިހާ ބޯޓުތަކެއްގެ މުދާ ކްލިއަރކޮށް، ބެކްލޮކް ދުއްވާލެވިފައިވާކަމަށެވެ.

"މި ވޭތުވެދިޔަ ހަފްތާގައި މުޅިންހެން ނެރުނީ ކާބޯތަކެއްޗާއި މެޑިކަލް ސަޕްލައިއާއި މުހިންމު އެއްޗެހި. ހަމަ ބޯޓުން ބާލާވަރަށް ޕޯޓުން ކްލިއަރ ކުރަމުން ދިޔައިން. މިހާތަނަށް މި ތަކެތި ހިމެނޭ 50ކޮންޓެއިނަރަށްވުރެ ގިނަ ކޮންޓެއިނަރު ކްލިއަރ ކުރެވިއްޖެ." ޝާހިދުއަކީ ވިދާޅުވިއެވެ.

އެމްޕީއެލްއިން މުދާ ނެރުމުގެ ޚިދުމަތްދެނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ނޫން ދުވަސްތަކުގައި ހެނދުނު 08:30އިން ހަވީރު 04:00އަށެވެ. ޝާހިދު އަލީ ވިދާޅުވީ ލޮކްޑައުންތެރޭ 7 ބޯޓުން މުދާ ބާލާފައިވާކަމަށެވެ.

"ލޮކްޑައުން ފެށިއިރު އޮތް 4ބޯޓުގެ ތެރެއިން މިހާރު 3ބޯޓް އެއްކޮށް ކްލިއަރ ކުރުމަށްފަހު ފުރާފައިވަނީ. މިހާރު 2 ބޯޓު އެބައޮތް ޕެރިޝަބަލް ހިފައިގެން އައިސް." ޗާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު އަލީ ވިދާޅުވީ ޕޯޓުގައި މަސައްކަތް ކުރަނީ މަދު މުޢައްޒަފުންނާއިއެކު ކަމަށްވާތީ ފަސޭހަ ޝެޑިއުލަކުން ބޯޓުތައް ގެނައުމަށް، އެޖެންޓުންނާއިއެކު ވާހަކަދައްކާކަމަށެވެ.