ޚަބަރު

ކާރުގައި ގޭގެއަށް ތަކެތި ޑެލިވަރީކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު


ކޯވިޑް 19 އަކީ ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެކެވެ. މި ވައިރަސް ވަކި ވަގުތުތަކެއްވަންދެން ސަރފޭސްގައި ނުވަތަ ތަންތަނުގައި ހަރުލާފައި ހުރެއެވެ. މާސްކް ފައިސާ ކޮތަޅު ނުވަތަ މިގޮތަށް އަތްލެވޭ އެއްޗެއްގައި ވައިރަސް ހިފާފައި ހުރެދާނެއެވެ.

ބަަލިން ރައްކާތެރިވުމަށް ގައިދުރުކަން އިސްކުރުމަށް މިހާރު ބޭރަށް ދިއުމުގައި ބަދަލުގައި، ހުރިިހާ ޚިދުމަތެއްހެން ދެނީ ޑެލިވަރީ އުސޫލުންނެވެ. އެންމެބޮޑަށް އާއްމުން ހޭލުންތެރިކުރެވެނީވެސް މިގޮތަށް ޑެލިވަރީކޮށް ގެންނަ ތަކެތި ސާފުކޮށް، ތަކެތި ގެންނަ ކޮތަޅު ނައްތާލުމުގައި ރައްކާތެރިވުމަށެވެ.

ނަމަވެސް މި ތަކެތި ގެއާއި ހަމައަށް ގެންނައިރު، ތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ތަކެތި ގެންނަ އުޅަނދުގެ ރައްކާތެރިކަމަށް ސަމާލްކަން ދިނުންވެސް މުހިންމެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ ކާބޯތަކެތި އުފުލާ ކާރު ނުވަތަ ޑެލިވަރީ ޚިދުމަތްދޭ އުޅަނދުތަކުގައި ގެންގުޅެންޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައެވެ.

ކާބޯތަކެތި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކުގައި ހުންނަންޖެހޭ އާއްމު ޝަރުތުތައް:

* ކާބޯތަކެތި އުފުލުމަށް ބޭނުންކުރާ ޓެކްސީގައި ޕަސެންޖަރުން އުފުލައިގެން ނުވާނެއެވެ. އަދި މިޚިދުމަތް ދިނުމުގައި ޑްރައިވަރު ފިޔަވާ އިތުރު މީހަކު ކާރުގައި އިނދެގެން ނުވާނެއެވެ.

* ޑްރައިވަރަކީ ރޯގާގެ އެއްވެސް ޢަލާމާތެއް ހުރި މީހަކަށް ވެގެން ނުވާނެއެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށްވެސް ވެގެން ނުވާނެއެވެ.

* ޑްރައިވަރު ހުންނަންވާނީ ޑިސްޕޯސަބަލް މާސްކް ނުވަތަ ކޮމިއުނިޓީ މާސްކް (ފޮތި މާސްކް) އަދި އަންގި ލައްވައިގެންނެވެ.

* މާސްކް އަދި އަންގި ލެއްވުމުގެ ކުރިން ސައިބޯނިލައިގެން އަތް ރަނގަޅަށް ދޮވެ ސާފު ކުރަންވާނެއެވެ.

* ޑިސްޕޯސަބަލް މާސްކް ތެއްވެ ހަޑިވެއްޖެނަމަ ބަދަލު ކުރަންވާނެއެވެ. މާސްކް ނެގުމަށްފަހު އަލުން އެ މާސްކް ބޭނުންކޮށްގެން ނުވާނެއެވެ.

* ކޮމިއުނިޓީ މާސްކެއް (ފޮތި މާސްކް) ނަމަ 2 ވަނަ ފަހަރަށް އެ މާސްކް ބޭނުންކުރަންވާނީ ރަނގަޅަށްދޮވެ ސާފުކޮށްގެންނެވެ.

* ޑިސްޕޯސަބަލް އަންގި ބޭނުންކުރާނަމަ އެއްޗެއް ހޭކި، އެޅި، ނުވަތަ ހަޑިވާ ކޮންމެ ފަހަރަކު އަންގި ބަދަލުކުރަންވާނެއެވެ. އަދި އަންގި ލެއްވުމުގެ ކުރިން އަތް ސެނިޓައިޒް ކުރަންވާނެއެވެ.

ބޭނުންކުރާ ޑިސްޕޯސަބަލް މާސްކް އަދި އަންގި ރައްކާތެރިގޮތުގައި ނައްތާލަންވާނެއެވެ.

* ޑެލިވަރީ ކުރުމަށް ކާރުގައި އުޅޭ ވަގުތުތަކުގައި އިތުރު އަންގިއާއި މާސްކް ބަހައްޓަންވާނެއެވެ.

* ޑްރައިވަރު އެއްވެސް ގޮތަކަށް ތަކެތި ބަލާ ފިހާރައަށް ވަދެގެން ނުވާނެއެވެ. އަދި ގޭގެއަށް ފޯރުކޮށްދޭ ތަކެތި ފިހާރައިން ކާރަށް އެރުވުމުގައި ފިހާރައިގެ މުވައްޒަފުންނާއި ޑްރައިވަރު ގައިދުރުކަން ބަހައްޓަންވާނެއެވެ.

* ގޭގެއަށް ތަކެތި ފޯރުކޮށްދޭ އިރު ޑްރައިވަރު ގޭގެ އެތެރެއަށް ވަދެގެން ނުވާނެއެވެ. އަދި ފޯރުކޮށްދޭ ފަރާތަށް ގުޅާ ގޭގެ ދޮރުކައިރިން އެއްޗިއްސާ ހަވާލުވުމަށް އަންގަންވާނެއެވެ. އަދި މިތަކެތި ހަވާލު ކުރާއިރުގައި ޑްރައިވަރާ އެފަރާތާ ދެމެދު ގައިދުރުކަން ބަހައްޓަން ވާނެއެވެ.

ތަކެތި ފޯރުކޮށްދިނުމުގައި މަަސައްކަތްކުރާ މުޢައްޒަފު ސާފުތާހިރުވުމުގައި ސަމާލްވާންވީ ކަންތައްތައް:

* ގައިންގަޔަށް އަރާ ބައްޔެއް ނުވަތަ ބައްޔެއްގެ ޖަރާސީމު ހަށިގަނޑުގައި ހުރި
މީހަކަށްވެގެން ނުވާނެއެވެ.

* މަސައްކަތް ފަށަންވާނީ ސާފުތާހިރު ހެދުމެއްގައި ސާފުތާހިރު ކަންމަތީގައެވެ.

* ކޮންމެ ގެއަކަށް ތަކެތި ފޯރުކޮށްދިނުމަށްފަހު ލައިގެން ހުރި އަންގި ސެނިޓައިޒް
ކުރަންވާނެއެވެ.

* މަސައްކަތު ގަޑީގައިވެސް އެކަކު އަނެކަކާ ގައިދުރުކަން ދެމެހެއްޓުމަށް މަދުވެގެން 3 ފޫޓު ދުރުމިން ބަހައްޓަންވާނެއެވެ.

* ރޯގާޖެހި ކެއްސާނަމަ މަސައްކަތަށް ނިކުމެގެން ނުވާނެއެވެ. އަދި ގޭގައި އެކަހެރިވެހުރެ ކަމާބެހޭ ފަރާތަށް އަންގާ މަޢުލޫމާތު ދޭންވާނެއެވެ.

* ނޭފަތާއި އަނގަޔާއި ލޮލުގައި އަތް ލުމުން ދުރުހެލިވާންވާނެއެވެ.

* ޑިއުޓީގަޑި ނިމުމުން، ލައިގެން ހުރި ޔުނިފޯމް ނުވަތަ ހެދުން ގެއަށް ގޮސް ބަދަލުކޮށް އެއެއްޗެތި ދޮވެގެން ނޫނީ އަލުން ބޭނުން ނުކުރުން މުހިންމެވެ.

ޑެލިވަރީކުރާ ތަކެތި ހިފާ ގެންގުޅުމުގައި ސަމާލްވާންވީ ކަންތައްތައް:

* އުޅަނދުގައި އުފުލާ ކާބޯތަކެތި ހުންނަންވާނީ ރަނގަޅަށް ބަންދުކޮށް އަދި ޑެލިވަރީ ކުރާ
ގޭގެ ނަމާ ގުޅޭނެ ނަމްބަރު ޖަހާ އަދި ރިސީޓް، ކޮތަޅުގެ ބޭރުގައި ހަރުކުރެވިފައެވެ. އަދި
ކާރަށް ތަކެތި އެރުވި ތާރީޚާއި ގަޑި ޖަހަންވާނެއެވެ.

* އެއްގަމު މަހާއި ކަނޑުމަސް ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހުންނަންވާނީ އެހެން
ތަކެއްޗާއި ވަކިން ބަންދު ކުރެވިފައެވެ. އަދި އެތަކެތި ހުންނަންވާނީ ކާރުގެ ތެރެއަށް އޭގެ
ދިޔަ ނުފައިބާ ގޮތަށް ބަންދުކުރެވިފައެވެ.

* ކާބޯތަކެތި އުފުލަންވާނީ ދޮންނަކުޑި، ބްލީޗް، އަދި އެނޫންވެސް ކެމިކަލް އާއި އެކުވެ ތަޢައްޔަރު ނުވާނެ ގޮތަށެވެ.

* ކާބޯތަކެތި ކާރުގެ އެތެރޭގައި ނުވަތަ ޑިކީގައި ބަހައްޓަންވާނީ ފެންނުފާއްދާ ފަސޭހައިން ސާފުކުރެވޭ ގޮތަށް ހުންނަ އެއްޗެއްގައެވެ.


މީގެ އިތުރންވެސް މަސައްކަަތަށް ފެށުމުގެ ކުރިންނާއި މަސައްކަތް ނިންމުމަށްފަހު ކާރުގެ އެތެރެއާއި ބޭރު ރަނގަޅަށް ސާފުކުރުމަށް އިސްކަންދިނުމަށާއި ކާރުގެ އަތްގަނޑާއި ހުންގާނު ފަދަ ގިނައިން އަތްލެވޭ ތަންތަން ރަނގަޅަށް ޑިސްއިންފެކްޓް ކުރުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.