ޚަބަރު

ބެލެނިވެރިންނަށް އޮތީ ކުދިން ގޭގައި މަސަލަސްކުރުން


އަހަރުގެ ފުރަތަމަ ޓާމްގެ މިޑްޓާމް ބްރޭކްގެ ކުރީ ހަފްތާއިން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިތުރު ހަރަކާތްތަކާއި، އަދި ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ނުގެންދިއުމަށް ސްކޫލްތަކަށް އަންގާފައެވެ.
ރާއްޖެއިން ކޯވިޑް 19ގެ ފުރަތަމަ ކޭސް ފެނުނީ މިޑްޓާމް ބްރޭކަށް ސްކޫލުތައް ބަންދުވެފައި ވަނިކޮށެވެ. މިއާއިއެކު ސަރުކާރުން ވަނީ ސްކޫލްތަކުގެ ކިޔެވުން މެދު ކަނޑާލާފައެވެ. އަދި އޭގެ ފަހުން ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވަމުން ދިޔުމާއި އެކު ސްކޫލުތަކާއި އޮފީސްތައް ބަންދުކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މިގޮތުން ބެލެނިވެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި އޮތީ ދަރިން ބޭރަށް ނުނެރި 24 ގަޑިއުރު ގޭތެރޭގައި ބޭތިއްބުމެވެ. ކުރިން ސްކޫލުން ޓިއުޝަނުން އިތުރު ހަރަކާތްތަކާއި ކުޅިވަރުގައި ގޭއިން ބޭރުގައި ހޭދަކުރި ހުރިހާ ވަގުތެއް މިހާރު ކުދިން ހޭދަކުރަނީ ގޭތެރޭގައެވެ.

ގިނަ އޮފީސްތަކާއި، އަދި ވިޔަފާރިތައްވެސް ހުއްޓުމަކަށް އައިސްފައި ވާތީ ގިނަ ބެލެނިވެރިންވެސް ތިބީ ގޭގައެވެ.
ކުދިން ބެލުމަކީ އުނދަގޫ މަސައްކަތެކެވެ. އެކުދިން ހިތްހަމަޖައްސައިގެން ގޭގެ ހަތަރު ފާރުގެ އެތެރޭގައި ބޭތިއްބުމަކީ ނުހަނު ބުރަ މަސައްކަތްކަށް ވާނެއެވެ.

އާއްމު ދިރިއުޅުމުގައި ބެލެނިވެރިންނާއި ދަރިންނާއިއެކު ޗުއްޓީ ދުވަހެއް ހޭދަކޮށްލަން ލިބިއްޖެނަމަ އޮންނާނީ ކުދިން ހިތްހަމަޖެއްސުމަށް ކުރިއަށްގެންދާ އެކި ހަރަކާތްތަކެވެ. އާއިލާގެ ގެތަކަށް ޒިޔާރަތްކުރުމާއި، ސްކޫލްގެ އެހެން ރަޙްމަތްތެރިންނާއިއެކު މަޖާކޮށްލަން ދިއުމާއި، މޫދަށް ދިއުމާއި ދަތުރު ދިއުމާއި، ހަވީރު ހިނގާލަންދިއުމާއި، ކުދިން ގޮވައިގެން އެކުދިން އެންމެ ގަޔާވާ ރެސްޓޯރަންޓަކަށް ދިއުމެކެވެ. ނަމަވެސް ކޯވިޑް ފެތުރެންފެށުމާއި ލޮކްޑައުންގެ ސަބަބުން އެ ފުރުޞަތުތައް ވަނީ ބަންދުވެފައެވެ.

އަދި ލޮކްޑައުންގެ ކުރިންވެސް ބެލެނިވެރިން ވަނީ ކުދިން ބޭރަށް ނެރުން މުޅިން ހުއްޓާލާފައެވެ.

މިގޮތަށް ގޭގައި މަޑުކުރަން މަޖުބޫރުވާނެކަން ކުދިންނަށް ވިސްނައިދިނުންވެސްވާނީ ދަތި އުނދަގޫކަމަށެވެ. ތުއްތު ކުދިންނަށް މިކަމުގައި ހުރި ނުރައްކާ ނުވިސްނިދާނެއެވެ.

ނަމަވެސް ގޭގައި ކުދިން ފޫހިފިލުވެން ކުރެވެންއޮތް ހުރިހާ ކަމެއްކޮށްގެން، ބެލެނިވެރިންތިބީ ކުދިން ގޮވައިގެން ގޭގައެވެ.

ކުދިންގެ ސްކޫލަށް ގޮސް ކިޔެވުން ވަނީ މުޅިން ހުއްޓިފައެވެ. ކުރިން ޓީވީ މެދުވެރިކޮށް ކްލާސްތައް ނެގިނަމަވެސް، މާލޭގައި ބަލި ފެތުރެން ފެށުމުން ޓެެލެކިލާސްތައްވެސް މިހާރު ވަނީ މެދުކަނޑާލަން ޖެހިފައެވެ.

ގޭތެރޭގައި ކުދިން ފޫހިފިލުވައި ހިތްހަމަޖައްސާލުމަށް ކުރެވޭނީ ކޮންކަމެއް!

1) އެންމެ މުހިންމުކަމަކަށް ވާންވާނީ ކުދިންނަށް އުނގަންނައި ދިނުމަށް ކުރާ މަސައްކަތެވެ. ސްކޫލާއި ޓިއުޝަނަށް ނުދެވުނު ނަމަވެސް ބެލެނިވެރިޔާއަށް އެނގޭ މިންވަރަކުން ކުދިންނަށް ފިލާވަޅު ބުނެދޭށެވެ. ކުދިންގެ ޝަޢުގު ހިފެެހެއްޓުމަށް އޮންލައިންކޮށް ހުންނަ އެކި މެޓީރިއަލް ބޭނުންކޮށްގެން އުގަންނައިދިނުމަށް ފަސޭހަވާނެއެވެ. އަދި ދީނީ ކަންކަން އުންގަންނައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

2) ބެލެނިވެރިން ގޭގައި ތިއްބަސް އަދި ކުދިންނަށް ބޭނުންވާ ވަގުތު ނުދެވިދާނެވެ. ނަމަވެސް އެހެން ކަންކަމުގައި ޝާމިލްވެ އުޅޭ ވަގުތުތައް މަދުކޮށް ކުދިންނާއިއެކު ގިނަ ވަގުތު ހޭދަކުރާށެވެ. ގޭގައި ގިނަ ވަގުތު ތިބެން ޖެހުމުން ނަފްސާނީ ގޮތުންވެސް ކުދިންނަށް ނޭދެވޭ އަސަރު ކުރެއެވެ. އެހެންވީމާ ވީހާވެސް ގިނައިން ކުދިންނާއި ވާހަކަ ދައްކައި، އެ ކުދިންގެ ހިތުގައި ހުންނަ ވާހަކަތައް ބުނެދިނުމުގެ ފުރުސަތު ދޭށެވެ. އަދި ކެއިން ބުއިމުގެ ވަގުތާއި އަޅުކަންވެސް ކުދިން ބައިވެރިކޮށްގެން ކުރާށެވެ.

3) މިއީ ކުދިންގެ ހުނަރުތައްވެސް ތަރައްޤީކުރަން ލިބޭ ފުރުސަތެކެވެ. ލިޔަން މޮޅު ކުއްޖެއް، ކުރެހުން، ނޫނީ ފެހުންފަދަ ކްރާފްޓް މަސައްކަތް ކުރާ ހިތްވާ ކުއްޖެއްނަމަ އެ ހުނަރުތައް ތަރައްޤީކުރުމަށް އެހީވާށެވެ.

4) ގޭތެރޭގައި މައިންބަފައިކުރާ މަސައްކަތުގައި ކުދިން ބައިވެރިކުރާށެވެ. އެގޮތުން ގޭތެރެ ސާފުކުރުމާއި ބަދިގޭގެ މަސައްކަތުގައި ކުދިންނަށް ކުރެވޭ ކަންކަން ކުދިން ލައްވާ ކުރާށެވެ. ކޮޓަރި އެނދު ތަންމަތި އެޅުމާއި، ކުނިކެހުމާއި، ބަދިގޭގައި ހެދިކާ ބެއްދުންފަދަ ކަންކަމުގައިވެސް ކުދިން ބައިވެރިކުރާށެވެ. މިއީ ކުދިން ގޭގައި ތިބެގެން ފޫހިފިލުވުމުގެ އިތުރަށް ދިރިއުޅުމުގެ ގިނަ ހުނަރުތައްވެސް ދަސްވެގެންދާނެ ކަމެކެވެ.

5) ގޭގައި ތިބި ނަމަވެސް އާއިލާގެ އެހެން މީހުންނާއި އޮންނަ ގުޅުން ބަދަހިކުރާށެވެ. އެގޮތުން އެމީހުންނަށް ގުޅައި ހާލުބެލުން މުހިއްމެވެ.

6) ކުދިންގެ ސިއްޙަތަށް ސަމާލްކަން ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކުދިންގެ ހަށިގަނޑު ފަލަވެ ލޮޑުވާފަދަ ކާނާ މާގިިނައިން ކާން ނުދޭށެވެ. އަދި ގޭގައި ޖާގަ އޮތް މިންވަރަކުން ލުއި ކަސްރަތެއް ކުދިން ބައިވެރިކޮށްގެން ކުރާށެވެ.

7) މީގެއިތުރަށްވެސް ކުދިން ފޫހިފިލުވުމަށް ގޭތެރޭގައި ގޭމާއި ކުޅިވަރު ކުޅެހަދާށެވެ. އަދި މިކަމުގައި ދަރިންނާއި މައިންބަފައިންވެސް ޝާމިލްވާށެވެ.

ލޮކްޑައުންއަށް އިތުރު 14 ދުވަސް އިތުރުކޮށްފައިވާއިރު، ގޭގައި ތިބެން ޖެހޭނީ ކިހާދުވަހަކު ކަމެއް އަންދާޒާކުރާކަށް ނޭނގެއެވެ. ގޭގައި ތިބޭ ވަގުތުގައިވެސް ކުދިނާއި ބެލެނިވެރިންވެސް ސާފުތާހިރުކަމަށް އިސްކަންދޭށެވެ. އަދި ބެލެނިވެރިންވެސް ބޭރަށް ނިކުތުން ވީހާވެސް މަދުކޮށް، އަދި ޟަރޫރީ ކަމެއްގައި ބޭރަށް ގޮސް ގެއަށް އައުމަށްފަހުގައި ރީއްޗަށް އަތްދޮވެ ސާފުވާށެވެ.