ޚަބަރު

ހުއްދަ ނުހޯދައި ބިލެތްފައްސާއި ނަރުދުއަށް އަރަން މަސައްކަތްކުރި ބަޔަކު ހައްޔަރުކޮށްފި


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މޮނިޓަރިންއަށްލާފައިވާ ށ.ބިލެއްފައްސަށް ހުއްދަ ނުހޯދާ އެރި ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު(28 އޭޕްރިލް) ހަވީރު 06:00 ހާއިރު، މި ކަމާއި ގުޅިގެން 3 މީހުން ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ހުއްދަ ނުހޯދާ ށ.ބިލެއްފައްސަށް އެރުމަށްފަހު އެންބުރި ށ.ފޭދުއަށް ދިޔަ މަގުމަތީ ކަނޑުމަތިންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ހިމެނެނީ އުމުރުން 27އަހަރާއި، 28އަހަރާއި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގުކުރަމުންނެވެ.

ށ.ނަރުދޫ ބޯޓަކުން ދަތުރުކުރި ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ށ. އަތޮޅުގެ ގިނަ ރަށްތަކެއް ހިމެނޭހެން، އެ ބޯޓުން ދަތުރުކުރި ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުން ތިބި 15ރަށެއް ދަނީ މޮނިޓަރ ކުރަމުންނެވެ.

ބިލެއްފައްސަށް ހުއްދަ ނުހޯދާ އެރި 3 މީހުންގެ އިތުރުން ހުއްދަ ނުހޯދައި ދަތުރުކުރި އިތުރު ބަޔަކުވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެދަށުން ދެން ހައްޔަރުކޮށްފައިވަނީ ނ.މަނަދޫ ޓާސްކްފޯހަށް ނާންގައި އެއަތޮޅު ލަންދޫއަށް އަރަން މަސައްކަތްކުރި ބައެއް ކަމަށެވެ. ނަމަވެސް ލަންދޫ އިން އެމީހުން އެރަށަށް އެރިއަނުދީ ފޮނުވާލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކޯވިޑް 19 އަތޮޅުތަކުގައި ފެތުރުމުގެ ބިރު އޮތުމާއިއެކު އެޗްޕީއޭއިން ވަނީ ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.

ރަށު ޓާސްކުފޯހުގެ ހުއްދައާއި ނުލައި ދަތުރުކުރުމާއި، އަދި ރަށުގެ މަސްލަހަތު ގެއްލޭގޮތަށް ޢަމަލުކޮށްފައިވާތީ އެމީހުން މިރޭ 21:30ހާއިރުވަނީ ކޯޓު އަމުރެއްގެދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގައި ހިމެނެނީ އުމުރުން 39 އަހަރާއި 40އަހަރުގެ ދިވެހި ފިރިހެނުންނެވެ.

ޓާސްކް ފޯހުގެ ހުއްދަ ނެތި މިގޮތަށް އެއްރަށުން އަނެއްރަށަށް އެރި 6 މީހުން މީގެކުރިންވެސް ފުލުހުންވަނީހައްޔަރުކޮށްފައެވެ. މި މައްސަލަތަށް ފުލުހުންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.