ޚަބަރު

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވާނެކަމަށް ބެލެވެނީ އިނގިރޭސިވިލާތުގައި


ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވާނެ އެއް ޤަައުމަކަށް އިނގިރޭސިވިލާތްވާނެކަމަށް އެޤައުމުގެ އޮފީސް އޮފް ނޭޝަނަލް ސްޓެޓިސްޓިކްސް، އޯއެންއެސްއުން އަންދާޒާކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19 ޖެހުނު މީހުންގެ ރަސްމީ ޢަދަދަކީ 157,149އެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ރަސްމީ ޢަދަދަކީ 21,092އެވެ.

އޯއެންއެސުން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަސްލު ޢަދަދު މީގެ ނުވަ ދުވަސްކުރިންވަނީ 24،000އަށްވުރެ އިތުރުވެފައެވެ. އޯއެންއެސްއިން ޢާންމުކުރި ޢަދަދުތަކުގައިވާގޮތުން އޭޕްރިލް 17ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގައި މަރުވި 21،284 މީހުންގެ މަރު ސެޓުފިކެޓުގައި މަރުވި ސަބަބުގެގޮތުގައި ފާހަގަކޮށްފައިވަނީ ކޯވިޑް-19އެވެ. ވޭލްސާއި ސްކޮޓްލޭންޓު ހިމަނައިގެން ކޯވިޑް-19ގެ ޖެހިގެން މަރުވި މީހުންގެ ޢަދަދު 24،000އަށް އަރައެވެ.

އިނގިރޭސިވިލާތުގެ ރަސްމީ އިދާރާތަކުން ހާމަކުރާ ޢަދަދުތަކުގައި ހިމެނެނީ ހަމައެކަނި ހަސްފަތާލުތަކުގައި މަރުވާ މީހުންގެ ޢަދަދެވެ. ނަމަވެސް މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކާއި މުޖުތަމަޢުގެ އެނޫންވެސް މަރުކަޒުތަކުގައި ކޯވިޑް-19 ޖެހިގެން ނުވަތަ އެބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތައް ފެނުމަށްފަހު މަރުވާ މީހުންގެ ޢަދަދެއް ނުހިމަނައެވެ. ބުދަ ދުވަހުން ފެށިގެން ޢާންމުކުރާ ރަސްމީ ޢަދަދުތަކުގައި ހަސްފަތާލުތައް ނޫން ތަންތަނުގައި މަރުވާ މީހުންގެ ޢަދަދުވެސް ހިމަނާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ އިޢުލާުނުކޮށްފައެވެ.

.ގައިން ގަޔަށްއަރާ ބަލިތަކާބެހޭ ޕްރޮފެސަރެއްކަމަށްވާ ބިލް ހެނޭޖް ވިދާޅުވީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭނެކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި އެޤައުމުގައި ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރުނަނުދިނުމަށް އެންމެ މުހިންމީ ބައްޔަށް ތަހުލީލުކުރާ މިންވަރު އިރުތުކުރުމާއި ބަލީގެ އިންޒާރުދޭނެ ނިޡާމެއް ޤާއިމްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.