ވިޔަފާރި

ކޯވިޑް-19 : އެޗްއެސްބީސީން 35000 ވަޒީފާ އުވާލުން މަޑުޖައްސާލައިފި


ހޮންކޮންގް މަލްޓިނޭޝަނަލް ބޭންކް، އެޗްއެސްބީސީން ކަޑާލުމަށް ނިންމާފައިވާ 35000 މުވައްޒަފުން މިދަނޑިވަޅުގައި ވަޒީފާއިން ވަކިކުރުން މަޑުޖައްސާލުމަށް ނިންމައިފިއެވެ.

އެޗް.އެސް.ބީ.ސީއަށް 2019 ވަނަ އަހަރުގެ ލިބުނު ފައިދާ ދަށަށް ގޮސް، ލިބެމުންދާ ގެއްލުން ކުޑަކުރުމުގެ ކުންފުނި ރިސްޓްރަކްޗަރކުރުމުގެ ގޮތުން 35000 މުވައްޒަފުން ތިން އަހަރުގެ ތެރޭގައި ކުންފުނިން ކަޑާލާނެކަމަށް އިއުލާން ކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހު އެވެ. ނަަމަވެސް މިހާރު އެޗްއެސްބީސީން ވަނީ މިކަން މަޑުޖައްސާލަން ނިންމާފައެވެ. އެއީ ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިސާދު މަޑުޖެހިފައިވަނިކޮށް މިދަނޑިވަޅުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އެހެން ވަޒީފާއެއް ހޯދުމަށް ދަތިވާނެތީކަމަށް އެޗްއެސްބީސީގެ ޗީފް އެގްޒެކެޓިވް ނޮއެލް ކުއިން ވިދާޅުވިއެވެ.

އެޗްއެސްބީސީގެ މިނިންމުމާ ބެހޭގޮތުން ބޭންކިންގެ ދާއިރާގެ މާހިރުން ބުނަނީ މިއީ އެޗްއެސްބީސީގެ މުވައްޒަފުންނަށް އުފާވެރި ހަބަރެއް ކަމަށެވެ. ނަމަވެސް މިކަމާ ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އެހާ ހިތްހަމަނުޖެހޭނެކަމަށެވެ. އެއީ ކުންފުނި ގެއްލުމުގައި އޮޕަރޭޓްކުރަމުންދާއިރު، ހަރަދު ކުޑަކުރުމަށް އަޅަން އުޅުނު ފިޔަވަޅުތަކެއް ހުއްޓާލުމުން އިތުރު ގެއްލުން ވާނެތީއެވެ.

ކޯވިޑް-19އާ ގުޅިގެން އެޗްއެސްބީސީގެ ފައިދާވެސް ވަނީ 50 އިންސައްތަ ދަށަށް ގޮސްފައެވެ. މިގޮތުން އަހަރުގެ ފުރަތަމަ ތިން މަހު ޓެކުހަށް ނުކަނޑާ ލިބުނު އާމްދަނީ ވަނީ 3.2 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. އޭގެ ކުރީއަހަރުގެ މިމުއްދަތުގައި އެޗްއެސްބީސީން އާމްދަނީގެ ގޮތުގައި ފުރަތަމަ 3 މަހު 6.2 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

އެޗްއެސްބީސީން ބުނީ ކޯވިޑް-19އާ ގުޅިގެން ބޭންކުން ދީފައިވާ ލޯނުތައް ކަސްޓަމަރުންނަށް އަނބުރާ ނުދެއްކޭތީ ލިބޭ ގެއްލުންވެސް 3 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ފެބްރުއަރީމަހު އެޗްއެސްބީސީން އިއުލާންކުރި ރީސްޓްރަކްޗަރ ޕްލޭންގެ ދަށުން 2022 ވަނަ އަހަރުގެ ނިޔަލަށް އެޗްއެސްބީސީގެ ހަރަދުތަކުން 4.5 ބިލިއަން ޑޮލަރު މަދުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ތިން އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ މުއައްޒަފުންގެ އަދަދު 235000 އިން 200000 އަށް ދަށް ކުރާނެކަމަށެވެ.