ވިޔަފާރި

އައިއެމްއެފްއާއި އިންޑިއާގެ އެހީގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ފަސޭހަތަކެއް ލިބޭނެ


އިންޑިއާ އާއި އައިއެމްއެފުން ރާއްޖެއަށް އެހީވުމަށް ދީފައިވާ ފައިސާގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އިންޕޯޓް ކުރުމަށް ބޭނުންވާ ބޭރުފައިސާ ފޯރުކޮށް ދިނުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގައި އެމްއެމްއޭއިން ވާނީ ކުރިންވެސް ބުނެފައެވެ. މިގޮތުން ކުރަން ނިންމި އެއް ކަމަކީ އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 ޔޫއެސް ޑޮލަރު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ޔޫއެސް ޑޮލަރު ހޯދުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މިވަގުތަށް 150 މިލިއަން ޔޫއެސް ޑޮލަރު މިހާރު ވަނީ އެމްއެމްއޭއަށް ލިބިފައެވެ. އަދި މީގެ އިތުރުން އައިއެމްއެފުން ރާއްޖޭން ދޭން ނިންމި 28.9 މިލިއަން އެމެރިކާ ޑޮލަރުވެސް މިހާރު ވަނީ އެމްއެމްއޭއަށް ލިބިފައެވެ.

އެމްއެމްއޭއިން ބުނީ މީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިމްޕޯޓް ކުރުމަށާއި، ކޮވިޑް 19 އާއި ގުޅިގެން ސިއްހީދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރުފައިސާ އެމްއެމްއޭއިން ފޯރުކޮށް ދިނުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހަމަމިއާއެކު، އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ބޭންކްތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު ވަނީ އިތުރު ކުރެވިފަވާކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ އިތުރުން، އެމްއެމްއޭގައި ގާއިމުވެފައި ހުރި އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތަކެއްވެސް ވަނީ ރޭވިފައެވެ.

2020 ވަނަ އަހަރުގެ މާރިޗުމަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ހުރީ 741.4 މިލިއަން ޔޫއެސް ޑޮލަރުގައެވެ. އެހެންނަމަވެސް މިމަހުގެ 27ގެ ނިޔަލަށް ރަސްމީ ރިޒާވްއަކީ 882.6 މިލިއަން ޔޫއެސް ޑޮލަރެވެ.

ކޮވިޑް 19ގެ ސަބަބުން، ރާއްޖޭގެ އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް އެމްެއެމްއޭއިން ދަނީ ގާތުން ބަލަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް އެމްއެމްއޭއިިން ބުނެއެވެ.