ޚަބަރު

ކޯވިޑް-19 : ނަފްސާނީ އެހީ ބޭނުންވެގެން 2000އަށްވުރެ ގިނަ ކޯލް


ކޯވިޑް 19ގެ ޙަލަތާއި ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވެގެން 2000އަށްވުރެ ގިނަ މީހުން ގުޅާފައިވާކަމަށާއި، މީގެތެރެއިން 55 މީހުންނަށް އިތުރަށް ނަފްސާނީ ފަރުވާގެ އެހީ ދެމުންދާކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޑޮކްޓަރެއް ކަމަށްވާ ޑރ.އާރިފް މުޙައްމަދު ވިދާޅުވީ، މިދިޔަ އަހަރާއި ބަލާއިރު މިއަހަރުގެ މި މުއްދަތުގައި ނަފްސާނީ ފަރުވާ ހޯދި މީހުންގެ އަދަދު ދެގުނަ އިތުރުކަމަށެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް އައިޖީއެމްއެޗަށް 600އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީ ހޯދުމަށް ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. ޑޮކްޓަރ ވިދާޅުވީ ކޯވިޑްގެ މި ޙާލަތުގައި ގޭގައި ބަންދުވުމާއި، އާއްމުކޮށް އުޅޭ އެކުވެރިންނާއި ދިމާނުވުމާއި، މިސްކިތަށް ނުދެވުންފަދަ ކަންކަމާއި ހުރެ، އޭގެ އަސަރު ވަރަށް ބޮޑަށް މީހުންނަށް ކޮށްފައިވާކަމަށެވެ.

މޯލްޑިވްސް ރެޑް ކްރަސަންޓާއި، އައިޖީއެމްއެޗް ގުޅިގެންދަނީ މި ޙާލަތުގައި ނަފްސާނީ ދުޅަހެޔޮކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ދެމުންނެވެ.

"އައިސޮލޭޝަންއާއި ކަރަންޓީންކޮށްފައިވާ މީހުންނާއި، އަދި އާއްމުންވެސް އެހީ ބޭނުންވެގެން ގުޅާ. ރެޑްކްރަސަންޓެގެ ހެލްޕް ލައިންއަށް 2000އަށްވުރެ ގިނަ މީހުން ގުޅާފައިވާއިރު، އިތުރަށް ނަފްސާނީ ފަރުވާ ބޭނުންވާ 55މީހުންވަނީ ފާގަވެފައި. އެމީހުންނަށް ފަރުވާދެނީ އައިޖީއެމްއެޗްގައި." ޑރ. އާރިފް ވިދާޅުވިއެވެ.

ޑޮކްޑަރ ވިދާޅުވީ މީގެތެރޭގައި ވާހަކަދައްކައިގެންދޭ ތެރަޕީގެ އިތުރަށް، ބައެއް މީހުންނަށް ބޭސްވެސް ދެމުންދާކަަމަށެވެ. މޯލްޑިވްސް ރެޑްކްރަސަންޓްގެ ހެލްޕް ލައިން 1425އަށް ގުޅައިގެން ނަފްސާނީ އެހީތެރިކަންދިނުމަށްވެސްދަނީ އިރުޝާދުދެމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ރެޑްކްރަސަންޓްގެ ޕްރޮގްރާމް ސަރވިސް މެނޭޖަރ މައީދް މުޙައްމަދު ޒާހިރު ވިދާޅުވީ ހެލްޕްލައިންގެ ޚިދުމަތް ހުރިހާ ވަގުތަކުވެސް ލިބޭނެކަމަށެވެ. ކުރިން އައިސޮލޭޝަން ގައި ތިބޭ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ދިންނަމަވެސް، މިހާރު ހުރިހާ މީހުންނަށްވެސް މި އެހީ ހޯދޭނެކަމަށެވެ.

"46 ވޮަލެންޓިއަރުން މިކަމުގައި އެބައުޅޭ. 32ކޯލަށް އެފަހަރާ ޖަވާބުދެވޭނެ ފެސިލިޓީވަނީ ޤާއިމުކޮށްފައި. މިހާތަނަށް އަޅުގަނޑުމެންނަށް އައި އެއްވެސް ކޯލަކަށް ޖަވާބު ނުދެވިއެއް ނުވާނެ." މައީދު މުޙައްމަދު ވިދާޅުވިއެވެ.

މިގޮތަށް ގުޅާ މީހުންގެ ތެރެއިން، ފަހުންވެސް ގުޅާ އެމީހުންގެ ހާލު ބަލާކަމަށް ރެޑް ކްރަސަންޓުންވަނީ ބުނެފައެވެ. އެމްއާރްސީއިންވަނީ ނަސްސާނީ އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ލަސްނުކޮށް ހެލްޕް ލައިނަށް ގުޅައިގެން އެހީ ހޯދުމަށް އިލްތިމާސްކޮށްފައެވެ.